ގަތަރު ކޮމިޓީ ފޯ ދަ ރިކޮންސްޓްރަކްޝަން އޮފް ޣައްޒާގެ މައި އޮފީހަށް ޔަހޫދީ އިޒްރޭލުން ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި، ފޮރިން މިނިސްޓްރީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާންމު ރައްޔިތުންނަށާއި އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށްދޭ ހަމަލާތަކަކީ އިންސާނީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.
އަދި މިއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ މައުސޫމު އެތައް ބަޔަކު މަރުވެފައިވާ އިރު، ހަމަލާތައް ދީ ޣައްޒާގެ ހޮސްޕިޓަލުތަކާއި އެހީދޭ ތަންތަނާ ސްކޫލުތަކާއި އަޅުކަންކުރާ ތަންތަންވެސް ހަލާކު ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މި ބަޔާނުގައި ހަނގުރާމަ ހުއްޓާލުމަށް ވަރުގަދަ ފިޔަވަޅެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ގޮވައިލައިފައެވެ.
ހަމަ އެހެންމެ މެދުކެނޑުމެއް ނެތި އިންސާނީ އެހީ ފޯރުކޮށްދެވެން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެދު ކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން 12،000 ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު މި ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ޒަހަމްވެ، ވަންނާނެ ގެދޮރެއް ނެތި ވަނީ ހާލުގައި ޖެހިފައެވެ.