މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.
އެގޮތުން ފިރުޒުލް ފިރުޒުލް ފާހަގަކުރެއްވި ގޮތުގައި މަސްވެރިކަމަކީ ރާއްޖޭގައި ޕްރޮފެޝަނަލް އިންޑަސްޓްރީއެއްގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުންނާއި އެ ކަހަލަ އެހެން އިދާރާތަކުން ވެސް މިއަދު ބަލައިގަންނަ ސިނާއަތެއް ނޫން ކަމަށެވެ.
މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ މި ދަފްތަރާ އެކު އެ ދަތިތަކަށް ހައްލެއް ލިބޭނެ، ކަމަށެވެ.
މިގޮތުން މަސްވެރިންގެ ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަމާއި ސަބްސިޑީ ކަހަލަ ޚިދުމަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ފަސޭހަވާނެ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކަކީ އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ.