ރައީސް ޑރ. މުހައްމަދު މުޢިއްޒާއެކު ކުރާނީ ޕާޓީގެ ވެރިކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއަށް ސޮއި ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ ގުޅިފައިވާ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމަށެވެ.
ދިވެހި ރާއްޖެ 2008 ވަނަ އަހަރުން ފެށިގެން ކުރިއަށް މިދަނީ މި ނިޒާމާއެކު ކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މި ނިޒާމުން ބާކީވާ އެއްވެސް ދިވެހި ރައްޔިތެއް ނުހުންނާނެ ކަމަށެވެ.
ހަމަ އެހެންމެ މި ނިޒާމުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން އެ ނެރޭ މެނިފެސްޓޯތަކުގައި ދިވެހި އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒާއެކު ކުރާނީ ޕާޓީގެ ވެރިކަމެއް ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެ މާނަ އޮޅުވާލަން ބަޔަކު މަސައްކަތް ކުރަމުން އައި ނަމަވެސް ޕްރޮގްރެސިވް ކޮންގްރެސްގެ ސަޕޯޓަރުންނަކީ އެ މާނަ އޮޅޭނެ ބައެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި ވެރިކަމަށްވީ އެންމެ 40 ދުވަސްކަން ފާހަގަކުރައްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ވެރިކަމުގައި ޕާޓީގެ ލޮބުވެތި ސަޕޯޓަރުންނާއި ދިވެހި ރައްޔިތުން މާޔޫސްވާން ނުޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުން އެދޭ އަމާޒަށް ރައީސް މުޢިއްޒާއެކު ދަތުރުކުރަން ތިބި ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.