މިއަހަރުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުން ކުރެވޭނެ

މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ހިދުމަތް ލިބޭ މުއްދަތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިތުރުކޮށްފިއެވެ.
އެ ޑިޕާޓުމަންޓުން ބުނީ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ.
މުއްދަތު އިތުރުކުރި ނަމަވެސް އޮންލައިންކޮށް(ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށަހެޅޭނެ ކަމަށް އެ ޑިޕާޓްމެންޓުން ބުނެއެވެ.
މުއްދަތު ހަަވެފައިވާ އައިޑީ ކާޑުން ހިދުމަތް ލިބޭގޮތަށް ހަމަޖެއްސީ، ކޮވިޑް-19 އާއި ގުޅިގެން އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތް މެދުކަނޑާލައިފައިވާތީ އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެމުން އަންނާތީ އެވެ.
އެގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ އަންގާފައެވެ.