މަސްދޯނިފަހަރަށް ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެންވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ގދ. މަޑަވެލީގައެވެ.
މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި ފަރާތްތަކާއެކު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ޖުމްލަ 6 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ކެމްޕެއިން މެދުވެރިކޮށް މަސްވެރިކަމާއި އެންވެރިކަމާ ބެހޭ ގާނޫނާއި ގަވާއިދުތައް އެކުލަވާލި މަޤްސަދާއި އޭގެ މުހިންމުކަން މަސްވެރިންނާ ހިއްސާކޮށް އަހުލުވެރި ކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމާއި މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުުުރުން ޑައިވް އިންސްޓްރަކްޓަރުންނާއި ދެ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް މިހާތަނަށް އައިއިރު ދިމާވަމުން އައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް، ކިރައިގެން ލިބެންޖެހޭ ފައިސާ ނުލިބުންކަމަށާ، އެ ފައިސާ ހަލާސް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތްތަށް ދިމާވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރުވަނީ މަސްވެރިންނަށް ދެއްވާފައެވެ. އެގޮތުން މަސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް މި ފަށާ މުހިންމު މަސައްކަތުގެ ސަބަބުން މަސްވެރިކަމަށް އިތުރު ކުރިއެރުންތައް އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް އެން ހޯދުމުގައި ދިމާވާ ދަތިކަން ހައްލުކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންވެރިކަމުން ނަފާނެރެވޭނެ މަސައްކަތަކެއް ކުރައްވަމުންދާކަމަށެވެ.
"މަސްވެރިންގެ ފުރާނައަށް ގެއްލުންވަނީ ފުޅި އަޅައިގެން ތަމްރީނެއް ނެތި ފީނުމުގެ ސަބަބުުން މި ފެށޭ މަސައްކަތާއެކު ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާއެކު އެންހިފަން ފީނުން މަދު ކުރުރުމަށްވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރުމަށް ވަނީ ރާވާފައި، އެގޮތުން މިހާރުވެސް ޕައިލެޓް ޕްރޮޖެކްޓްތަކެއްވަނީ ފަށާފައި، އޭގެ ސަބަބުން އެންވެރިކަމަކީވެސް ނަފާ ނެރެވޭނެ މަސައްކަތަކަށް ވެގެންދާނެ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.