އާސަންދައިން ބޭސް ލިބުމުގެ އެއްވެސް އުސޫލަކަށް ބަދަލެއް ނާންނާނެ: ޚަލީލް

އާސަންދައިން ބޭސް ލިބުމުގައި މިހާރު ޢަމަލުކުރަމުންދާ އެއްވެސް އުސޫލަކަށް ބަދަލެއް ނާންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އިންޝުއަރެންސް ނިޒާމު ކަމުގައިވާ އާސްނަދައިން ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ލިބޭ އިންތިޒާމް ހަމަޖެހިގެންދެއެވެ. އަދި ބޭސްފަރުވާއަށް އާސަންދައިން 100 އިންސައްތަ ކަވާ ކުރެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ- އެމްއެފްޑީއޭ އިން މިދިޔަ އާދިއްތަ ދުވަހު ވަނީ "ނޭޝަނަލް މެޑިސިން ޕޮލިސީ އިފްތިތާހުކޮށްފައިއެވެ. މި ޕޮލިސީގެ ދަށުން ވަނީ އަސާސީ ބޭސް ލިސްޓުގައި ނުހިމެނޭ ބޭހެއް ބޭނުންވާ ނަމަ އެ ގަންނަން ވަކި ނިޒާމެއް ގާއިމްކުރަން ނިންމާފައިއެވެ.
ނަމަވެސް މި ޕޮލިސީގެ ސަބަބުން މިހާރު އާސަންދައިން ލިބޭ އެއްވެސް ޚިދުމަތަކަށް ބަދަލެއް ނާންނާނެކަމަށް އަބްދުﷲ ޚަލީލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓޭއްގައި ވަނީ ވިދާޅުވެފައިއެވެ.
މި ޕޮލިސީ އެކުލަވާލާފައިވާނީ ކުރިއަށް އޮތް ހަ އަހަރަށެވެ. ޕޮލިސީގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭހުގެ ފެންވަރު ރަނގަޅުކޮށް އެއްވެސް ތަފާތުކުރުމެއް ނެތި އެ ބޭސްތައް ވިއްކުމެވެ.
ޕޮލިސީގެ ދަށުން ވަނީ 400 ބޭހުގެ އިސްކަންދޭންވީ އަސާސީ ބޭސް ލިސްޓެއް ގާއިމުކޮށްފައިއެވެ.
މި ބަދަލާއި އެކު ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯ އިން ވެސް ދެން ސަމާލުކަން ދޭނީ އެ ލިސްޓަށް ކަމަށް އެ ޕޮލިސީގައި ވަނީ ފާހަގަކޮށްފައިއެވެ.
އެހެންނަމަވެސް މި ލިސްޓުގައި ހިމެނޭ ބޭހުގެ އިތުރުން ބޭސް އެތެރެކުރާނެ ގޮތް ރައްކާތެރިކުރެވި މިކަމާ ގުޅޭ ވަކި ގަވައިދެއް އެކުލަވާލެވިގެން ދާނެއެވެ.