ޚަބަރު ސަރުކާރު

މާވަރުލު އެއާޕޯޓާއި ގައްދޫ އެއްގަމު މަގުން ގުޅުވައިދޭނަން: ރައީސް

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު

ކެމްޕެއިން ތެރޭގައިވެސް ވައުދުވެވަޑައިގެންފައިވާ ފަދައިން، މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީކޮށް އެ އެއާޕޯޓާއި ގައްދޫއާ އެއްގަމުން ގުޅުވައިދެއްވާނެކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ގދ. ގައްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި މާވަރުލު އެއާޕޯޓުގެ ތަރައްގީއަށް ކުރުމަށް ކުރަން ޖެހޭ ވަރަަށް ބައިވަރު މަސައްކަތް އެބަ ހުރިކަމަށެވެ. އަދި މިއީ އެ އަތޮޅު ތަރައްގީވުމުގައި ވަރަށް އިސް ރޯލެއް އަދާކުރާނެ ކަމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް މި މަޝްރޫއު ބަޖެޓުގައި ހިމަނާފައި ނެތުމުން ބަޖެޓުން މި މަޝްރޫއުއަށް ބޭނުންވާ ޖާގަ ހޯދަން ވަގުތުނާގާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ފްލައިޓު ފްރީކުއެންސީ އިތުރު ކުރުމަށް އަތޮޅުގެ ފަތުރުވެރިކަން ކުރިއަރުވަން ޖެހޭ،

އެގޮތުން ފްލައިޓު ފްރީކުއެންސީ އިތުރުކުރުމަށް އެ އަތޮޅުގައި ރިސޯޓުތައް އިތުރުކުރެވިގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިފަދައިން މިކަން ނިމުމުން މުޅި އަތޮޅަށް ތަރައްގީ އަންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގައްދޫގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް އެ ރަށުގެ ބިން ހިއްކަން ޖެހޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ވީހާވެސް އަވަހަށް އެ މަސަކަތް ފެށިގެން ދާނެ ކަމަށެވެ.

ނަމަވެސް މި މަޝްރޫއުވެސް ބަޖެޓުގައި ހިމަނާފައި ނެތުމުން އެ އިންތިޒާމު ހަމަޖެއްސުމަށް ވަގުތު ނަގާނެކަމަށާއި ވީހާވެސް އަވަހަށް އެ މަސަކަތް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ބޯހިޔާވެހި ކަމަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުން ޖެހެފައިވާކަމެއްކަމުން މި މަސަކަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރާނެކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!