ޚަބަރު ސިޔާސީ

ސިޔާސީ ފިކުރަށް ބަލައި ބިރެއް ނުދައްކާނަން، އިދިކޮޅު ހަރަކާތްތަކުގައިވެސް ބައިވެރިވެވޭނެ: ޕީއެންސީ

ފައިނާ ފާއިޒް ، ދެން އޮންލައިން
ޕީއެންސީން އައްޑޫގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: ޕީއެންސީ

މި ސަރުކާރުން ސިޔާސީ ފިކުރަށް ބަލައި ބިރެއް ނުދައްކާނެ ކަމަށާއި، ސަރުކާރުގެ މުވައްޒަފުންނަށް އިދިކޮޅު ހަރަކާތްތަކުގައިވެސް ބައިވެރިވެވޭނެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނަށް ވެރިކަންކުރާ ޕީއެންސީ/ ޕީޕީއެމް އިން ރައްދުދީފިއެވެ.

Ads by MWSC

ކެމްޕޭނު ބައްދަލުވުމެއްގައި އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރުކުރުވާ ގޮތުން ވާހަކަ ދެއްކި މައްސަލަ އެއް ކުށްވެރިކޮށް އެމްޑީޕީން ބަޔާނެއް ނެރެނެވެ. އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދަނީ އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ.

އެހެންވެ އެކަން ކުށްވެރިކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އެމްޑީޕީން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ތެރެއިން ހަމަހަމަ ކަމާއި އެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންގޮސް އެ ހަރަކާތްތަކުގައި ބައިވެރިވޭނެ ޖާގާ އެންމެންނަށް ފަހިކޮށްދިނުން ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ޕާޓީން ބުނީ، ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސިޔާސީ ފިކުރަށް ބަލާ ވަޒީފާގެ ބިރުދެއްކުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

''އެމްޑީޕީގެ އިސްވެރިން ރަށްރަށަށްކުރާ ދަތުރުތަކުގައި މިހާރުގައިވެސް ވަޒީފާގައި ތިބި ފަރާތްތަކުން ބައިވެރިވަމުންދާކަން ފާހަގަކުރެވޭ'' ބަޔާނުގައި ބުންޏެވެ.

ޕީއެންސީ/ޕީޕީއެމުން ބަޔާނެއް ނެރެފައިވާއިރު އެމްޑީޕީން ބުނާ ގޮތުން ސަރުކާރުން ދަނީ މަޖިލީސް ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ވަރަށް ފާޅުގައި ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ. އެކަމުންވެސް އެނގިގެން ދަނީ ސަރުކާރުން ރައްޔިތުންނަށް ހެދި ދޮގާއި އޮޅުވާލުންތައް ކަމަށް އެ ޕާޓީން ބުނެއެވެ.

އެހެންވެ ގާތްގަނޑަކަށް ފަންސާސް ހާސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީން ވަނީ ރައްޔިތުންގެ ވޯޓު ހޯދުމަށް ވަޒީފާގެ ބިރު ނުދެއްކުމަށާއި އަދި އީސީން އެކަން ވީހާވެސް އަވަހަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!