އެތިއެތިކޮޅުން ތަރައްގީ ހޯދާ ސިޔާސީ ޓުލްއަކަށް ރައްޔިތުން ނުވުމަށް ރައީސް އެދިވަޑައިގެންފި
ސިޔާސީ ފަރާތްތަކުން ''އެތިއެތިކޮޅުން' ގެނެސްދޭ ތަރައްގީ އަށް ހެއްލި، ސިޔާސީ ޓޫލް އަކަށް ރައްޔިތުން ނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.
ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރަށު ނިލަންދޫ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް މިއަދު ބޭނުންވެފައި އޮތީ ދެމެހެއްޓެނިވި ތަރައްގީ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްގީ އަކީ ކުދި ރަށްތަކުގައި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ގާއިމުކުރުމުގެ ބަދަލުގައި އެ ސަރަަހައްދުގެ ކޮންމެވެސް އެއް ހިސާބަކުން ބޭނުންވާ ހިދުމަތްތައް ލިބުމެވެ.
ނަމަވެސް އޭގެ މާނައަކީ ކުދި ރަށްތައް ބާކީކޮށްލުން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެއްވި ޔަގީންކަމަކީވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރު ގާއިމުކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
އެއަށް ފަހު އިލްތިމާސް ކުރެއްވީ ތަރައްގީ އަކީ ސިޔާސީ މީހުން ބޭނުންހާ ''ޓޫލް'' އަކަށް ހެދުމަށް ޖާގަ ނުދިނުމަށެވެ.
"އަޅުގަނޑުމެންނަކީ، ދިވެހި ލޮބުވެތި ރައްޔިތުންނަކީ އަބަދު ތަރައްގީ އތިކޮޅުކޮޅުން، ބައިބަޔަށް، ދީފައި ނުދޭގޮތަށް މިހެން ސިޔާސީ ޓޫލެއްގެ ގޮތުގައި ބޭނުންކުރާ ބަޔަކަށް އަމިއްލައަށް ވެވަޑައިނުގަންނަވާ" ރައިސް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައިވެސް ރައީސް ދެއްވި ޔަގީންކަމަކީ އެމަނިކުފާނުގެ ވެވަޑައިގެންވި ވައުދުތައް ފުއްދަވާނެ ކަމެވެ. އަދި އެހެން ސަރުކާރުތަކާއި ހިލާފަށް ހަމައެކަނި އެގްރީމެންޓުގައި ސޮއި ކުރެއްވުމުގެ ބަދަލުގައި އަމަލީގޮތުން މަޝްރޫއުތައްވެސް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ފަސް އަހަރު ނިމުމުގެ ކުރިން މަޝްރޫއުތައް ނިންމުމަށް ކުރައްވަން ހުރި ހުރިހާ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
"މިއީ ސިޔާސީ ވާހަކައެއް ނޫން މިއީ ހަގީގަތެއް" ރައިސް ވިދާޅުވިއެވެ.
ސިޔާސީ ފޯރިއެއްގައި ވެސް ސިޔާސަތާއި ދެކޮޅު ވާހަކަ ނުދެއްކުމަށާއި ސިޔާސީ ވިސްނުމަކީ ވަޒީފާއަށް ނުވަތަ މަގާމަށް ހުރަސް އެޅޭކަމަަކަށް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.