ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ މީހަކު ދެނެގަންނާނީ މިހެން
ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގައި އަޑިގުޑަންތައް އަންނާނެއެވެ. އަދި އުސްގަނޑު ވެސް އަންނާނެއެވެ. ބައެއް މީހުނަކީ މިފަދަ ހިތްދަތި ކަންކަމާއި ދިމާވި ނަމަވެސް އެފަދަ ކަންކަން ފޮރުވައިގެން އުޅޭ މީހުންނެވެ. އަދި ބައެއް މީހުން އެކަންކަން ފޮރުވަން ކިތަންމެ މަސައްކަތް ކުރިކަމުގައި ވީ ނަމަވެސް ފޮރުވަން އުނދަގޫ ވާނެއެވެ.
ޑިޕްރެޝަން އަކީ އެކި ގޮތްގޮތަށް ދެނެގަނެވިދާނެ އެއްޗެކެވެ. އެގޮތުން ބައެއް މީހުން އާދަޔާ ޚިލާފަށް ހިނިތުންވުމަކީ ވެސް މިކަމުގެ ސަބަބުން ވާ ކަމެކެވެ. އާންމުކޮށް އުޅޭއުޅުމުގައި ވެސް ހިނިތުންވާ މީހުން ދިރިއުޅުމުގައި ދިމާވާ އެކިއެކި ކުދިކުދި އެންމެ އާދައިގެ ކަންތައްތަކާއި ވެސް ހީހަދައެވެ.އެ ހުނުމުގައި ފޮރުވިފައިވާ އެތަކެއް ސިއްރުތަކެއް ވާނެެއެވެ.
އެންމެ އާންމުކޮށް ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ އެހެން މީހުނާއި އެކަހެރި ކޮށް ތިބޭ މީހުންނެވެ. އާންމު ދިރިއުޅުމުގައި އުޅޭއިރު ރައްޓެހިންނާއިއެކު ހީސަމާސާކޮށް ހަދާ މީހަކަށް މިފަދަ ބޮޑު ބަދަލެއް އަންނަ މަންޒަރު ފެންނަމުން ދާނަމަ އެމީހާ ކުރެން އެ ވާހަކަތައްް އަހާލުން ބުއްދިވެރިއެވެ. އެކަމަކު ވަގުތާއި ޙާލަތަށް ބަލާފައެވެ.
ރައްޓެހިން އެއްކޮށް ހީސަކަރާތް ޖަހާއިރުގައި އެކަކު އަނެކަކަށް ދިމާވެސް ކުރާނެއެވެ. އެކަމަކު އެއީ ހަމަ ސަކަރާތަށެވެ. މިފަދަ ކަމަކާއި ކުރިމަތިލަމުން އަންނަ މީހަކަށް އެޖަހަމުންދާ ސަކަރާތް ނަގައިގަނެވޭނީ އެހެން ގޮތަކަށެވެ. ވަރަށް އަވަހަށް ހިތުގައި ޖެހޭނެއެވެ. ކަންކަމާއި ވަރަށް އަވަހަށް މާޔޫސް ވާން ފަށާނެއެވެ. މިފަދަ ކަންކަން އެހެންމީހުން ދަންނަން ޖެހޭނެއެވެ.
ދިރިއުޅުމުގައި އެއްވެސް ކަހަލަ މަޖާކަމެއް ކުރާ ހިތެއް ނުވާނެއެވެ. ބައެއްމީހުން ގެއިން ބޭރަށް ދާން ފޫހިވާނެއެވެ. ގެއިން ބޭރަށް ދިޔަ ކަމުގައި ވީނަމަވެސް ކުރާ އެއްވެސް ކަމެއްގައި ޝާމިލުވާ ހިތެއް ނުވާނެއެވެ. އެއްތާކު މަޑުން އިންނަން ވެސް އެފަދަ މީހުނަށް މާ ރަނގަޅުވާނެއެވެ. ކުދި ކުދި ކަންތައްތަކާއި ގެއްލި އިނދެވެން ފަށާނެއެވެ.
ޑިޕްރެޝަންއަކީ ފަރުވާ އޮތް ކަމެކެވެ. އެހެންމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ އަވަހަށް މީހާ މިފަދަ ކަމަކުން އަރައިގަންނަން ތިމާ ނަމާދާއި ގާތްވުން ވަރަށް މުހިންމެވެ. ލިބޭ ހުސް ވަގުތުގައި ކީރިތި ޤުރުއާން ކިޔަވާ އަދި ރޯން ބޭނުން ވެއްޖެނަމަ 2 ރަކުއަތުގެ ސުންނަތް ނަމާދެއް ކޮށްލާށެވެ. އަދި ސަޖިދާގައި އޮވެ ރޯށެވެ. ހަގީގަތުގައިވެސް ހިތަށް ވަރަށް ހަމަޖެހުން ލިބޭނެއެވެ. އެއްވެސް ކަމަކީ ނިމުމެއް ނެތް ކަމެއް ނޫނެވެ. އެކަން ހަނދާނުގައި އަބަދުވެސް ބަހައްޓާށެވެ.