ހިޔާ ފްލެޓުގައި އިތުރު ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓުގައި އިތުރު ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވާފައި ވަނީ ހައުސިން މިނިސްޓަރު އަލީ ހައިދަރާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އަދި ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާއިއެވެ. އަދި މި މަޝްރުއުއަށް ސަރުކާރުން ވަނީ 200 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅުއްވާފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުމްލަ 16 ހިޔާ ފްލެޓު ގާއިމުކޮށްފައިވާ އިރު ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓު، ޖުމްލަ 32 ލިފްޓު އަޅުވަން ވަނީ ނިންމާފައިއެވެ.
މި ދެެ ލިފްޓުގެ ތެރެއިން އެއް މީހުން އަރުވާ ލިފްޓު އަދި އެއް މުދާ އަރުވާ ލިފްޓު ހިމެނެއެވެ.
އެޗްޑީސީއިން ހާމަކޮށްފައި ވާގޮތުގައި މި ލިފްޓުތައް އަޅުވަން އެއް އަހަރުގެ މުއްދަތެއް ހޭދަވެގެން ދާނެއެވެ. މި މުއްދަތުގެ ތެރޭގައި 32 ލިފްޓު އެޅުވުމަކީ އެ ކޯޕަރޭޝަންގެ އަމާޒުކަމަށްވެސް އެޗްޑީސީއިން ވަނީ ހާމަކޮށްފައިއެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ކިއުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ގެނައުމަށް ޓަކައި ޓަވަރުތަކުގައި އިތުރު ލިފްޓު އެޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.