ޚަބަރު އިޖުތިމާޢީ

އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އަޅަން ހަވާލުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އޭދަފުށީގައި ހައުސިންގް ޔުނިޓް އިމާރާތްކުރުމަށް ހަވާލުކުރުމުގެ ތެރެއިން، -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑްއާ މިއަދު ހަވާލުކޮށްފިއެވެ.

Ads by STELCO

ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއެވެ.

މިނިސްޓްރީއިން މި ހައުސިންގް ޔުނިޓްތަކާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އޭދަފުށީގައި ހައުސިންގް ޔުނިޓް އިމާރާތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރެއްވި ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް، އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

"ސަލީމްގެ އިސްނެންގެވުމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތްތައް ހިނގަމުންދާއިރު، ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ހުރިހާ ހުއްދައެއްދީ، ވަރަށް އަވަހަށް އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓްގެ މަޝްރޫއުއެއް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

މި ހައުސިން ޔުނިޓުގެ ފައިދާ އޭދަފުށީގެ އިތުރުން، މުޅި އަތޮޅަށް ވެސް ކުރާނެ ކަމަށް އޭރު ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އެ ދާއިރާއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިިބިގެންދާނެކަން ވެސް ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!