ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަނުން އެދުނު ގޮތަށް އެ ޔުނިވަސިޓީގެ މެޑިސިން ސްކޫލުގައި ތައުލީމު ހާސިލް ކުރާ ދަރިވަރުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ސްކޫލުގައި ކިޔެވޭގޮތް އިންތިޒާމުކޮށްދެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޔޫނިއަނުން ޝުކުރު އަދާކޮށްފި އެވެ.
މީގެ ކުރިން ސަރުކާރުން ވަނީ މެޑިސިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުން އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފަ އެވެ. އަދި މިކަމާއި ގުޅިގެން ސްޓޫޑެންޓު ޔޫނިއަނުން ކަންބޮޑުވުން ފާޅު ކުރި އެވެ.
މިނިންމުން ބަދަލު ކުރުމާއިއެކު ޔޫނިއަނުން މިއަދު ބުނީ މި މައްސަލައަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި މިކަން ދަރިވަރުންނަށް ރަނގަޅުވާނެ ގޮތަށް ނިންމަވައިދެއްވުމުން ޝުކުރުވެރިވާ ކަމަށެވެ. އަދި، މި މައްސަލައިގައި ކަންބޮޑުވަނީ ހަމައެކަނި މެޑިސިން ސްކޫލުގެ ދަރިވަރުން ނޫން ކަމަށާއި މިއީ ގައުމީ ޔުނިވާސިޓީގެ ހުރިހާ ދަރުވަރުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކޮށް ޔޫނިއަނުން ބުނީ، ކުދިންގެ ކިޔެވުމަށް ބުރުލެއް ނާރާނެކަން ޔަގީންވުމަކީ، ލިބުނު ތަސައްލީއެއް ކަމަށެވެ.
އިއްޔެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، މިދިޔަ މަހު 26ގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެގޮތަށް ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދެއްވައިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ކިޔަވާ ކުދީންނާ ގުޅުންހުރި އެ ފަދަ ކޮންމެ ކަމެއްގައާއި، ސިއްހީ ޚިދުމަތުގެ ޙާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމްދަނީއާ ފުދުންތެރިކަމާއި ޙާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
މެޑިސިން ސްކޫލުގެ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ބަދަލުކުރަން ނިންމީ އެ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުންނެވެ. ސަރުކާރުން ފަހުން ބުނެފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ މެޑިކަލް ސްކޫލު ނިމެންދެން ދަރުމަވަންތަ ހޮސްޕިޓަލުގައި ދަރިވަރުންނަށް ކިޔެވޭނެ ކަމަށެވެ.
ރައީސަށް ޝުކުރު ދަންނަވާނީ. އަދައެއް ނޫން ކުރާނީ