ޚަބަރު ސަރުކާރު

އީޔޫއިން ރާއްޖެއަށް 6.5 މިލިއަން ޔޫރޯގެ އެހީއެއް ދީފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މިނިސްޓަރު ޒަމީރު އީޔޫގެ އިސްވެރިޔަކާއި ބައްދަލު ކުރައްވަނީ

ރާއްޖޭގެ ނޫ އިގްތިޞާދު ކުރިއެރުވުމަށް 6.5 މިލިއަން ޔޫރޯގެ އެހީއެއް، ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ދީފި އެވެ.

Ads by Sosun Fihaara

އީޔޫއިން ރާއްޖެއަށް މި އެހީ ދީފައިވަނީ އެ ޖަމިއްޔާގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު، ޕައޮލާ ޕަމްޕަލޮނީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ތެރެއިން ހޯދިފައިވާ މުހިންމު ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ހޯދިފައިވާ ކުރިއެރުންތަކާއި، ޝަރުޢީ ނިޒާމް ހަރުދަނާކުރުމުގައި އަދި ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ހޯދިފައިވާ ކުރިއެރުންތަކުގައި އީޔޫއާ އެކުގައި ކުރެވުނު މަސައްކަތްތައް ބޮޑު ދައުރެއް އަދާކޮށްފައިވާކަން ޒަމީރު ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު ރާއްޖޭގެ އިގްތިސާދާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އީޔޫއިން ވެދެމުންދާ އެހީތެރިކަމަށް ވަޒީރު ވަނީ އީޔޫއަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޝެންގެން ވިސާ ރިކުއަޔަމަންޓުތަކުން އިސްތިސްނާވާ ގައުމުތަކުގެ ލިސްޓުގައި ހިމެނުމަށް ރާއްޖެއިން ޝައުގުވެރިވާކަން މި ބައްދަލުވުމުގައި ހާމަކުރެއްވި އެވެ.

މިި ބައްދަލުވުމުގައި ޒަމީރުގެ އިތުރުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހަލާ ހަމީދު އާއި ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު އަދި ފޮރިން މިނިސްޓަރީގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!