ކުށްކުރާ ގްރޫޕުތަކާއި ގޭންގުތަކުގެ ބިރުވެރިކަން މުޖުތަމައުގެ ތެރޭގައި މަދުކުރުމަށް ފުލުހުންގެ ހިދުމަތުގައި ވަކި ބައެއް ގާއިމުކުރުމަށް އެ މުއައްސަސާގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިގޮތަށް ވިދާޅުވީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. އޭނާގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ އެ ޕްލޭންގައި ހިމެނޭ ކަންކަމަށެވެ.
އެ ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ޝުޖާއު ފާހަގަކުރެއްވީ އެކި ބާވަތްތަކުގެ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމެވެ. ހާއްސަގޮތެއްގައި މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ބިރުވެރިކަން މަދުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން އެކަމަށްޓަކައި ފުލުހުންގެ ތެރޭގައި ވަކި ބައެއް އުފައްދަވާނެ ކަމަށެވެ.
"އެހެންމަ މީގެތެރެއިން އަޅުގަނޑުމެން ހާއްސަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ބިރުވެރިކަމެއްގެ ގޮތުގައި ފާހަގަވެފައިވާ ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްކޮށް ނުވަތަ އެކަންކަން އެންފޯސް ކުރުމަށް އަޅުގަނޑުމެންގެ މި ޕްލޭން ވުޖޫދުވާ ހިސާބުން ފެށިގެން އަޅުގަނޑުމެންގެ އޯގަނައިޒޭޝަންގައި އެކަމަށްޓަކައި މަސައްކަތް ކުރާނެ ވަކި ބަހާއެއް ގާއިމުކުރެވިގެންދާނެ. " ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މަސައްކަތް ބައްޓަންކުރާނީ ގޭންގުތަކުގެ ބިރުވެރިކަން ކުޑަކުރެވޭނެ ގޮތަށް ކަމަަށެވެ.
މީގެއިތުރުން ޝުޖާއު ވަނީ، މުސްތަގުބަލުގައި ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި "ޑޭޓާ ޑްރިވެން" މޮޑެލް އެއް ބޭނުންކުރުމަށް ޑޭޓާ ކޮމާންޑް ސެންޓަރެއް ގާއިމުކުރުމަށް ނިންމަވާފައިވާކަން ވެސް ހާމަކުރައްވާފަ އެވެ.
ކިތަންމެ ގިނަ ޑިޕާޓުމެންޓެއް އުފެއްދިޔަސް ނުވާނެ. ހުރިހާބާވަތެއްގެ ކުއްވެސް މަދުވާނެ މިގައުމުގެ ފުލުހުން ހަގީގީ މާނާގައި ގާނޫނު ތައް ތަންފީޒު ކުރަން ފައްޓަވާ ދުވަހަކުން.