މީކާއިލް އެދިވަޑައިގަތީ ސިޔާސީ ވިސްނުން އެއްކިބާކޮށް, އިޒްރޭލު ޕާސްޕޯޓު މަނާކުރަން
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅީ ނަތީޖާ ނެރެވޭނެ ކަމުގެ އުންމީދާ އެކުގައި ކަަމަށް ވިދާޅުވެ, ހުރިހާ ޕާޓީތަކެއް ގުޅިގެން ބިލު ފާސްކޮށްދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.
މީކާއިލް ހުށަހެޅުއްވި ބިލުގެ ބަހުސް މިއަދު ފަށާފައިވާއިރު މީކާއިލް ވިދާޅުވީ, ބިލުގެ މަގްސަދަކީ ދިވެހި ރާއްޖެއިންވެސް ބައިނަލްއަގުވާމީ ފެންވަރުގައި އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅާ މި އެޅުމުގައި ހަރުދަނާ ފެން ހިފޭނޭ ފިޔަވަޅެއް އެޅުން ކަމަށެވެ.
އެކަމަށްޓަކައި ހުރިހާ ޕާޓީއެއްގެ ތާއީދު ވެސް ބޭނުންވާ ކަމަށާއި ސިޔާސީ ފިކުރު އެއްކިބާކޮށް މިކަމަށް ގުޅިގެން މަސައްކަތް ކޮށްދިނުމަށް މީކާއީލް އެދިވަޑައިގެންނެވި އެވެ.
މީކާއިލް ވިދާޅުވީ ސިޔާސީ ގުދޯގުދޯ ގޮވުމުގެ ބަދަލުގައި ހުރިހާ ޕާޓީއެއް ގުޅިގެން ރަނގަޅު މަސައްކަތެއް ކޮށް, ބިލު އަވަސް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީކާއިލްގެ ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ.
ސަރުކާރުން ވެސް ވަނީ އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ނިންމައިފަ އެވެ. ނަމަވެސް މި ބިލަށް ތާއީދު ކުރައްވާނެކަން ސަރުކާރުން ސީދާ ހާމަކޮށްފައެއްނުވެ އެވެ.