ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް ދެން ބާއްވާނީ އީދު ބަންދަށް ފަހު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ތަޅުން (ފޮޓޯ/ މަޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ ކުރިއަށް އޮތް ބޮޑު އީދު ބަންދަށް ފަހު އަންނަ އެންމެ ފުރަތަމަ ހޯމަ ދުވަހު ކަމަށް އެ އިދާރާއިން ބުނެފި އެވެ.

Ads by Sosun Fihaara

އިއްޔެގެ ޖަލްސާގައި ވޯޓަށް އަހަން ކުރި ކަންކަމަށް އެހުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ މި މަހުގެ 24 ގައި ކަމަށެވެ.

ބޮޑު އީދާ ގުޅުވައި ސަރުކާރު ބަންދުކުރަަނީ އަންނަ ބުރާސްފަތިން ފެށިގެން ކަމަށްވާއިރު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެ. އީދު ބަންދަށް ފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ ޖޫން 23 ވާ އާދީއްތަ ދުވަހު އެވެ.
މަޖިލީހުގެ ޖަލްސާ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދައިގައި އޮތް ނަމަވެސް ތަޅުމުގައި އިތުރު މަސައްކަތެއް ނެތުމުން މި ހަފްތާއަށް ޖަލްސާތައްވަނީ ނިންމާލާފަ އެވެ.

އިއްޔެ މަޖިލީހުން ޗުއްޓީއަށް ދިޔައީ ސިއްހީ ހިދުމަތުގެ ގާނޫނު އިސްލާހުކުރުމުގެ ބިލާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ. އަދި ތިން ވަޒީރަކަށް ވެސް އިއްޔެ ރުހުން ދިން އިރު، މަޖިލީހުން ވަނީ އިޒްރޭލު ޕާސްޕޯޓު އެތެރެވުން މަނާކުރުމުގެ ބިލް ވެސް ބަލައިގަނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!