ޚަބަރު

ޗެނަލް13 އަކީ ފިތުނަ ފަސާދަ އުފެއްދުމުގެ ބޮޑު "އައްޑާ" އަކަަށް ވެފައިވާ ތަނެއް: ޑރ. ޢިޔާޟް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޗެނަލް 13 އަކީ ވަރަށް ގިނަ ދިވެހީންގެ އަބުރު ކަތިލާފައިވާ، ފިތުނަ ފަސާދަ އުފެއްދުމުގެ ބޮޑު "އައްޑާ" އަކަށް ވެފައިވާ ތަނެއް ކަމަށާއި އެތަނާއިމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ޢިޔާޟް މިހެން ވިދާޅުވީ އެޗެނަލުން ލައިވްކޮށް ދެއްކި ޕްރޮގްރާމެއްގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ހަށިކޮޅުގައި އަލިފާން ރޯކޮށްލަންވީ ކަމަށް އެޕްރޮގްރާމަށް ގުޅި މީހަކު، ބުނެފައިވާ މައްސަލައާއި ގުޅިގެންނެވެ.

ޗެނަލް 13 އިން ރައީސްގެ ހަށިކޮޅަށް ގެއްލުންދޭ ވާހަކަ ގެނައީ ގަސްތުގައިކަމަށާއި ބަހަނާ ދައްކައި ބަޔާން ނެރެ ރައްޔިތުން ގުނބޯ ނުހެއްދޭނެކަމަށް ވެސް ޑރ. ޢިޔާޟް ވަނީ ވިދާޅުވެފައެވެ.

ބްރޯޑްކާސްޓު ކުރުމުގެ "ކޯޑް އޮފް ކޮންޑަކްޓް" ގައިވާ ގޮތުގައި މީހުން މެރުން، މާރަމާރީ، ޓެރަރިޒަމް ލޭއޮހޮރުވުން ފަދަ ޖަރީމާތައް މޮޅު ނުވަތަ ރަނގަޅު ކަންކަން ކަމަށް ދޭހަވާ ގޮތަށް ބްރޯޑްކާސްޓް ކޮށްގެން ނުވާނެއެވެ.

 

ޗެނަލް 13 އިން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހާ އެހެން ބުނުމާއެކު ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލި ކަމަށާއި ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޑރ. ޢިޔާޟު ވިދާޅުވެފައިވަނީ ޕްރޮގްރާމްގައި ދައްކާފައިވަނީ ދީނާ ހިލާފު ވާހަކައެއްކަމަށެވެ. އަދި ދީނާ ހިލާފު އެއްވެސް ވާހަަކައެއް ނުދެއްކޭނެކަން ފާހަގަކޮށް ޑރ އިޔާޟް ވިދާޅުވީ ޕްރޮގްރާމް ހުށަހަޅަން އިން ޕްރެޒެންޓަރު ވަގުތުން އެކަން ހުއްޓުވައި ބެލުންތެރިންގެ ކިބައިން އެކަން ހިނގައިދިޔައީތީ މާފަށް އެދެން ޖެހޭނެކަމަށެވެ. ނަމަވެސް އެމަންޒަރުގެ ބަދަލުގައި އަޑުއިވިގެންދިޔައީ އެ ގޮތަށް ވާހަކަ ދެއްކީތީ ޝުކުރު އަދާކޮށް ޕްރޮގްރާމަށް ގުޅައި ވާހަކަ ދެއްކީތީ އުފާވެފައި އިން މަންޒަރުކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!