ކުޅިވަރު ފުޓްބޯޅަ

ހަންގޭރީ ބަލިކޮށް ސްވިޒަލެންޑުން މުބާރާތްފެށީ އިތުބާރާއެކު

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ 2024 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ހަންގޭރީ ބަލިކޮށް ސްވިޒަލެންޑުން ފެށުން ރަނގަޅުކޮށްފިއެވެ.

Ads by MWSC

މިރޭ ޖާމަނީގެ ކްލޯން ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ސްވިޒަލެންޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން، މެޗު ފެށިގެން 12 ވަނަ މިނެޓުގައި ސްވިޒަލންޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ މިޝޭލް އަބިޝޭ ތަނަވަސްކުރި ފުރުސަތަކުން ކްވަޑޯ ޑުއާ ކާމިޔާބުކުރި ގޯލެކެވެ.

މީގެއިތުރުން މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ސްވިޒަލެންޑުން އިތުރު ގޯލެއްޖަހައި ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ ރެމޯ ފްރެއުލާގެ އެހީއާއެކު އެއިބިޝާ ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް ދެވަނަ ހާފުގަައި ހަންގޭރީން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއްޖަހައި މެޗުގެ ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ. އެ ގޯލަކީ އޭރިއާތެރެއަށް ޑޮމިނިކް ސޮބޯސްލާއި ހުރަސްކުރި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި ބާނަބާސް ވާގާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތެގެ ގޮތުގައި ދެއްކި އަށް މިނެޓުގެ ތެރޭގައި ސްވިޒަލޭންޑުން ވަނީ އިތުރު ގޯލެއްޖަހައި އުންމީދު ހޯދައިފައެވެ. ހުސްކޮށް ލިބުނު ފުރުސަތެއްގައި ކީޕަރު ގުލާކްޝީ ބޯމަތިން އޮއްސާލައިގެން އެ ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރީލް އެމްބޯލޯއެވެ.

އެ މޮޅާއެކު ސްވިޒަލެންޑަށް ލިބިފައިވަނީ ގްރޫޕް އޭގެ ދެވަނައެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު އެ ޓީމު އޮތްއިރު އެއްވެސް ޕޮއިންޓެއް ނުލިބި ތިން ވަނައިގައި އޮތީ ހަންގޭރީއެވެ. ރޭ މުބާރާތް ފެށުމަށް ކުޅުނު މެޗުގައި 5-1 ގެ ނަތީޖާއަކުން ސްކޮޓްލޭންޑުގެ މައްޗަށް ކުރި ހޯދައިގެން ޖާމަނީ އޮތީ ތިން ޕޮއިންޓާއެކު އެއްވަނައިގައެވެ. ގްރޫޕްގެ ފުލުގައި އޮތީ އެ މެޗުން ބަލިވި ސްކޮޓްލޭންޑެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!