ކުޅިވަރު ފުޓްބޯޅަ

ޔޫކުރޭން ބަލިކޮށް ރުމޭނިއާއަށް ތާރީހީ މޮޅެއް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ 2024 ގައި ޔޫކްރޭން ބަލިކޮށް ރުމޭނިއާއިން ތާރީހީ މޮޅެއް ހޯދައިފިއެވެ.

Ads by STELCO

މިރޭ ޔޫރޯ ގްރޫޕް އީގައި ކުޅުނު އެ މެޗު ރުމޭނިއާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވ.

އެ މޮޅަކީ ވޭތުވެދިޔަ 24 އަހަރު ދުވަސް ތެރޭގައި ޔޫރޯ މެޗަކުން ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމު އެންމެ ފަހުން ޔޫރޯ މެޗަކުން މޮޅުވީ 2000 ވަނަ އަހަރުއެވެ.

ރުމޭނިއާއިން ވަނީ 2008 ވަނަ އަހަރު އަދި 2016 ވަނަ އަހަރުގެ މުބާރާތުގައި ކުޅެފައެވެ. އެހެންނަމަވެސް އެ ދެ އަހަރު އެ ޓީމު މުބާރާތް ނިންމާލީ މެޗަކުން މޮޅުނުވެއެވެ.

އެހެންނަމަވެސް މިރޭ އެ ޓީމުން ވަނީ މޮޅު ކުޅުމެއްދައްކައިފައެވެ. އެގޮތުން، މެޗުގެ 29 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން ނިކޮލައެ ސްޓަންޗޫ ޖެހި ގޯލަކުން އެ ޓީމުން ވަނީ މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ.

ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ރުމޭނިއާއިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. މިފަހަރު އޭރިއާ ބޭރުން  އެ ގޯލު ޖެހީ ރަޒްވާން މަރިންއެވެ. އޭނާގެ އެ ގޯލު އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އޭގެ ހަތަރު މިނިޓް ފަހުން، ކުރި އެޓޭކެއްގައި ރުމޭނިއާ އިން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، ޑެނިސް މާން ދިން ބޯޅައަކުން، ޑެނިސް ޑްރަގޫސް ޖެހި ގޯލެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!