ރައީސްގެ އަނބިކަނބަލުންނަށް ބިލު ހައްދަވައި މަޖިލީހަށް ފޮނުވާކަމަށް ތުހުމަތުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ އިބްރާހިމްއަށް ހާއްސަކޮށް ބިލު ހަދައި މަޖިލީހަށް ފޮނުވާކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ތުހުމަތު ކުރައްވައިފި އެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ނާޒިލް ވިދާޅުވީ މިއަދު ހުށަހެޅި ބިލަކީ ހެޔޮ ނިޔަތެއްގައި ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށެވެ. އެގޮތުން މިއީ މުލިއާގޭ ތެރެއިން ސީދާ މެޑަމް ސާޖިދާއަށް ހައްދަވައިދެއްވި ބިލެއްކަމަށް ނާޒިލް ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ ހެލްތު ސާވިސަސްގެ ޑިރެކްޓާ ޖެނެރަލެއް އައްޔަނު ކުރުމުގައާއި މަގާމުގެ މަސްއޫލިޔަތުތަކަށް ބަދަލު ގެންނަން ބިލުގައި ހުށަހަޅާފައިވާއިރު މިއީ ވަކި ބޭފުޅަކު އައްޔަނު ކުރަން ސަރުކާރުން ގެންނަ ބަދަލުތަކެއް ކަމަށެވެ.
“(ސަރުކާރުން) ބޭނުންފުޅު ވަނީ މި ބިލު ތަސްދީގުކޮށް އަލުން ވަކި ބޭފުޅަކު ބޭނުންވާ ބޭފުޅެއް މި މަގާމަށް ގެންނަން. އެއީ މުލިއާގެއިން މިކަމަށް ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެ ނިޒާމެއް ގާއިމްކުރަން ހަގީގަތުގަ ބޭނުންވަނީ”
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން 20 ވަނަ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެ. ނާޒިލް ވިދާޅުވީ މުލިއާގެއިން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފޮނުވާފައިވާ ޕޮއިންޓުތަކަކީ މި ބިލަށް ތައުރީފުކޮށް ސަރުކާރަށްވެސް ތައުރީފު ކުރުމަށް ފޮނުވާފައިވާ ޕޮއިންޓުތަކެއް ކަމަށެވެ. އިތުރު މާ ބޮޑުކަމެއް މެމްބަރުންގެ ވާހަކަފުޅުތަކުގައިވެސް ފާހަގަ ނުކުރައްވާކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލްގެ ވާހަކަފުޅުގެ ތެރެއިން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޡޯރިގު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފަ އެވެ. އޭނާ ވިދާޅުވީ ފަރސްޓް ލޭޑީ ސާޖިދާއަށް ރައްދު ދެވެން ނެތް ހާލަތެއްގައި އެކަމަނާއަށް ތުހުމަތު ކުރައްވައި މަޖިލީހުގައި ވާހަކަ ދެއްކެވުން ކުށްވެރި ކުރައްވާ ކަމަށެވެ.
“އަޅުގަނޑުމެން ބިލު ހަދަނީކީ މުލިއާގެއަކުން ނޫން. ބިލު ހަދަނީ ބަންޑާރަ ނައިބު އޮފީހުން, އުސޫލުތަކެއް އެބަ ހުރޭ. އެހެންމަ މެޑަމް ސާޖިދާއަށް ތުހުމަތުކޮށް އެކަމަނާއަށް ރައްދުދެވެން ނެތް ހާލަތެއްގަ ވާހަކަ ދެއްކުމަކީ"
މި ނިޒާމީ މައްސަލަ ބަލައިގަނެ މެމްބަރުންގެ ވާހަކަފުޅުގައި ވަކި ބޭފުޅަކަށް ނިސްބަތްކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ނުކުރެއްވުމަށް ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله އެދިވަޑައިގެންނެވި އެވެ.