ޔޫރޯ 2024 ގަައި ޖޯޖިއާ ޓިމުން ޕޯޗުގަލް ބަލިކޮށް ދެވަނަ ބުރަަށް ދިއުމުން ޖޯޖިއާގެ ކުޅުންތެރިންނަށް 8.4 މިލިއަން ޔޫރޯ ދީފިއެވެ.
އެ ފައިސާއަކީ ޖޯޖިއާގެ ތާރީހީ ކާމިޔާބީ ފާހަގަކޮށް އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ބިޒީނާ އިވަނިޝްވިލީ ކުޅުންތެރިންނަށް ދިން ހަދިޔާއެކެވެ.
ޖޯޖިއާއަކީ ޔޫރޯ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޓީމެކެވެ. އެ ޓީމުގެ އަލަތު މުބާރާތުގައި ގަދަފަދަ ޕޯޗުގަލް ބަލިކުރުމަށްފަހު އެ ޓީމުން ވަނީ ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ.
ޔޫރޯ މުބާރާތުގެ ކުރިއަށް ގެންދާ ގޮތުން ހަ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރަށަ ދެވޭނެއެވެ. ހަތަރު ޕޮއިންޓު ހޯދައި ޖޯޖިއާ ދެވަނަ ބުރަށް ގޮސްވަނީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބުނު ޓީމުގެ ގޮތުގައެވެ.
ޖޯޖިއާ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ޕޯޗުގަލް އޮތީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ތުރުކީ އޮތީ ވެސް ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ޖޯޖިއާ ހަތަރު ޕޮއިންޓާއެކު އޮތްއިރު އެ ގްރޫޕްގެ ފުލުގައި އޮތް ސާބިއާއަށް ލިބުނީ އެއް ޕޮއިންޓެވެ.
ޖޯޖިއާ ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ މިއަހަރުގެ ޔޫރޯގެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ދެވަނަ ބުރަށް ދިޔަ ސްޕެއިންއާއެވެ. ސްޕެއިން ދެވަނަ ބުރަށް ދިޔައީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ބައިކޮޅަށް ގޯލެއް ވަނަ ނުދީއެވެ.