ޚަބަރު ރައްޔިތުންގެ މަޖިލިސް

އުވައިލާ ކުންފުނިތަކާ އެއްކޮށްލާ ކުންފުނިތައް ކަނޑައަޅައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެސްއޯއީ ކޮމިޓީގައި ޕީސީބީގެ އިސް ބޭފުޅުން މައުލޫމާތު ހިއްސާ ކުރައްވަނީ

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތައް އުވައިލަން ނިންމައި ބައެއް ކުންފުނިތައް އެއްކޮށްލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ނިންމައިފި އެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ޕީސީބީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ޔަމީން ވަނީ މިމައުޟޫގައި މައުލޫމާތުތަކެއް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން ވިދާޅުވީ ފައިދާ ނުވާ ކުންފުނިތަކާއިމެދު އަމަލުކުރާނެ ސްޓޭންޑާޑް އޮޕަރޭޓިންގް ޕްރޮސީޖާ (އެސްއޯޕީ) އެކުލަވާލާފައިވާ ކަމަށެވެ. އަދި އޭގެ ތަފްސީލީ މައުލޫމާތުތައް މިހާރު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކޮން ކުންފުނިތަކެއްތޯ އުވައިލާނީ، ކޮން ކުންފުނިތަކެއްތޯ މާޖު ކުރާނީ. ލިސްޓެއް މިހާރު ވާނީ ބޯޑުން ތައްޔާރުކޮށް، އެންޑޯޒްކޮށް، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅިފައި،" ޔަަމީން ވިދާޅުވި އެވެ.

އުވައިލާނެ ކުންފުނިތަކާއި އެއްކޮށްލާނެ ކުންފުނިތައް ކަނޑައަޅާފައިވީ ނަމަވެސް އެކުންފުނިތަކުގެ މައުލޫމާތެއް ޔަމީން ހިއްސާ ކުރައްވައިފައެއް ނުވެ އެވެ.

ޔަމީން ވިދާޅުވީ ކުންފުނިތައް ހިންގުމާއި ގުޅޭ މުހިންމު އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތް މިހާރު ޕީސީބީން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ އިދާރާއިން މިވަގުތު އަންނަނީ ކުންފުނިތަކުގެ ޕާފޯމަންސް މޮނިޓަރިން ސިސްޓަމެއް ގާއިމްކުރުމަށް ތައްުޔާރުވަމުން ކަމަށްވެސް ޔަމީން ވަނީ ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތަކުގެ އެސެސްމެންޓު މުޅިން ނިންމައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްފަހު ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޅާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!