ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕީޖީން ތާއީދު ކުރާކަން ހާމަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ މިހާރު މަޖިލިސް މެމްބަރެއްގެ އަސާސީ މުސާރައަކީ 42،500 ރުފިޔާ ނަމަވެސް މެމްބަރުންގެ ހަރަދުތަކަށް ބޮޑު އަދަދެއް ހޭދަވާ ކަމަށެވެ.
އެހެން ނަމަވެސް މިހާރު ރާއްޖެ މިއޮތް ހާލަތުން އަރައިގަތުމަށް މިއަދަދު ކުޑަކުރަން ތާއީދު ކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާ ތަމްސީލްކުރައްވާ މެންބަރު މައުރޫފު ވިދާޅުވި އެވެ.
"އެހެންނަމަވެސް މިގައުމު ސަލާމަތް ކުރުމަށްޓަކާ، އަޅުގަނޑުމެން ތާއީދުވެސް ކުރަން މަޖިލީހުގެ އަދަދު ކުޑަކުރަންވެސް އަދި މުސާރައާ އިނާއަތްތައްވެސް ކުޑަކުރަން"
މުސާރަ ކުޑަކުރަން އެމްޑީޕީން ތާއީދު ކުރިނަމަވެސް މަޖިލީހުގައި މެޖޯރިޓީ އޮންނަ ޕީއެންސީން ވަނީ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރުމާއި ދެކޮޅު ހައްދަވައިފަ އެވެ. ޕީއެންސީގެ މެމްބަރުން ވިދާޅުވާ ގޮތުގައި މެމްބަރުންގެ ޒިންމާއަށް ބަލާއިރު މުސާރަ އަދިވެސް ބޮޑުކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ޕީއެންސީ މެމްބަރުން ވަނީ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ އަދަދު 80 އަށްވުރެއް އިތުރު ނުވާނެހެން ހިފަހައްޓަން ތާއީދު ކޮށްފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފު އިތުރަށް ވިދާޅުވީ ގައުމުގެ މާލީ ހާލަތު ސަރުކާރުން ދަންނަވާ ހާލަތުގައި އޮތްނަމަ ކަންކަން ކުރައްވަން ވާނީ ތަރުތީބުން ކަމަށެވެ. އެ ގޮތުން ރައްޔިތުންގެ އެންމެ އަސާސީ ކަންކަން އުނިކޮށް، ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް އެމީހުންގެ މުސާރަ ކުޑަކުރުމަކީ އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅުކަމަށް މައުރޫފު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް ޝައްކު ވަނީ ހަމަ ހަގީގަތުގަވެސް (މާލީ ހާލަތު) އެ ހާލަތުގަތޯ އޮތީ. ދެން އެހެން ވިދާޅުވާނަމަ ސިޔާސީ މަގާމުތައް ކުޑަކުރަންވީނޫންތޯ. އަދަދުތައް މަދު ކުރައްވަންވީ ނޫންތޯ. ހާމަ ކުރައްވަންވީ ނޫންތޯ"
މައުރޫފު ވިދާޅުވި ގޮތުގައި އިވޭ އަޑުތަކަށް ބަލާއިރު މިހާރު ސަރުކާރުގައި 2،000 އެއްހާ ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންނެވީ 700 ސިޔާސީ މުވައްޒަފުންނަށްވުރެއް އަދަދު އިތުރު ނުކުރުމަށްކަމުން މިހާރު އެހުންނެވީ ވައުދާއި ހިލާފުވެފައި ކަމަށްވެސް މައުރޫފު ވަނީ ވިދާޅުވެފަ އެވެ.
މިހާތަނަށް އައިއިރު ސަރުކާރުގައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރަން ސަރުކާރުން ވަނީ ނިންމައި އެ ކަން އިއުލާން ވެސް ކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ސިޔާސީ ބޭފުޅުންނަށް މިހާރު ވަނީ ނޯޓިސް ވެސް ދީފަ އެވެ.