ޚަބަރު އިޖުތިމާޢީ

އިމިގްރޭޝަނުގެ އޮޕަރޭޝަނަކަށް ހުރަސް އަޅައި، ވެހިކަލަކަށް ގެއްލުންދީފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހަތަރު ތަނެއް ރެއިޑްކޮށް ހަތް ބިދޭސީން ހައްޔަރަށް ވަނީ ގެންގޮސްފައި - ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދަން އިމިގްރޭޝަނުން ރޭ ކުރިއަށް ގެންދިޔަ  އޮޕަރޭޝަނަށް ހުރަސް އަޅައި އިމިގްރޭޝަން ވެހިކަލަކަށް ގެއްލުންދިން ބިދޭސީ އަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ރޭ ހިންގި އޮޕަރޭޝަންގައި މާލޭގައި ޓޭކްއަވޭ ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ތަންތަނުން ބިދޭސީ ހަ ފިރިހެނަކާއި ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މީގެ ތެރެއިން އެކަކީ އިމިގްރޭޝަންގެ ވެހިކަލަކަށް ގެއްލުން ދިނުމުގެ ސަބަބުން ހައްޔަރުކުރި މީހެކެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވެހިކަލަށް ގެއްލުންދިން ބިދޭސީ މީހާއާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަދި ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ގާނޫނުން ހަރުކަށި ފިޔަވަޅު އެޅުމަށްފަހު ޑީޕޯޓް ކުރެވޭނެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ފަސް ޖެހުމެއް ނެތި އަދި ބިރަކަށް ސިހުމެއް ނެތި ކުރިއަށް ދާނެ" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ތިން އަހަަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށެވެ. ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނެގުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަން މަތީގައި ރަޖިސްޓަރީ ކޮށްފައިވާއިރު 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް 1.7 މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!