ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި މާލީ ވަޒީރުގެ ގޮތުގައި ހުންނެވިއިރު މަގާމުގެ މުސާރައިގެ އިތުރަށް ދައުލަތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައި ނޯންނާނެކަމަށް ކުރީގެ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ އަމީރު ވަޒީރަކަށް ހުންނަވައި ބޮޑެތި ވައްކަންތަކެއް ކުރެއްވިކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ވައްކަންތަކުގެ ސަބަބުން އަމީރަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
އަމީރު ވަނީ ދެން އޮންލައިންގެ ޕޮޑްކާސްޓު “ހަވާސާއިން ބޭރުން” ގައި ސަލީމްގެ މިވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
“މިދިޔަ ފަސް އަހަރު ތެރޭގަ އަޅުގަނޑާ ދިމާވާ މީހުންނަށް, އަޅުގަނޑު ދަންނަ މީހުންނަށް އިނގޭނެ މިސާލަކަށް ތިކަހަލަ ވާހަކައެއް, ކޮރަޕްޝަނަށް މަގުފަހިވާނެ ކަހަލަ ވާހަކައެއްވެސް ނުދައްކާނެ”
އަމީރު ވިދާޅުވީ މަގާމުގެ މުސާރައިގެ ގޮތުގައި ލިބުނު ފައިސާ ފިޔަވައި ދައުލަތުގެ ލޯ ލާރިއެއްގައިވެސް މިދިޔަ ފަސް އަހަރު ޖެހިފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ކުރެއްވުމުގެ ވިސްނުމެއް ނެތްކަމަށް އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަލީމް އެފަދަ ވާހަކައެއް ދެއްކެވީ ގައުމުގެ މާލީ ހާލަތު ބަޔާން ކުރުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ކަމުން, އެއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ދެއްކެވި ވާހަކަތަކެއްކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައިވެސް މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް މިސަރުކާރަށް މާލީ ކަންކަން މެނޭޖު ކުރަން ނޭނގޭ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާލަތާއި ނުބައްދަލު ކަމަށްވެސް އަމީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.