ސިގިރޭޓް ކޮންޓެއިނަރުން ބައެއް ދޫކޮށްލީ އެކަމުގައި އުޅޭ މީހުން ހޯދަން: ކަސްޓަމްސް

ގާނޫނާ ހިލާފަށް އެތެރެކުރި ސިގިރޭޓް ކޮންޓެއިނަރުން ބައެއް މާލެ ތެރެއަށް ދޫކޮށްލާފައި ވަނީ އެކަމާ ގުޅިފައިވާ މީހުން ދެނެގަތުމަށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މިއަދު ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ވިދާޅުވީ އިހަކަށް ދުވަހަކު ސިގިރޭޓު ކޮންޓެއިނަރަކާއި އެއާ ކާގޯ މެދުވެރިކޮށް ގެނައި ސިގިރޭޓުތަކެއް އަތުލައިގެންފައިވާ ކަމަށެވެ. އަތުލައިގަތް ތަކެތީގެ ތެރެއިން ބައެއް ތަކެތި މާލެ ތެރެއަށް ދޫކޮށްލި ކަމަށް އޭނާ ވިދާޅުވި އެވެ.
މާނިއު ވިދާޅުވެފައި ވަނީ އެ ތަކެތި ދޫކޮށްލި ސަބަބަކީ ތަކެތި އެތެރެވާ ހިސާބުން ހިފެހެއްޓުމުން އެނގެނީ އެ ވަގުތު އެ ތަނެއްގައި އުޅޭ މީހުން އެކަނި ކަމަށް ވާތީ އާއި އެކަމުގައި ހިއްސާވާ އެހެން މީހުން ދެނެނުގަނެވޭތީ ކަމަށެވެ.
"މާލެ ތެރެއަށް އެއްބައި އެއްޗެހި ދޫކޮށްލައިގެން އަޅުގަނޑުމެން އެ އެތި ފޮލޯކޮށްގެން، އިންޓެލިޖެންސާ އެއްޗިސް ހޯދައިގެން އަޅުގަނޑުމެންނަށް މި އިނގުނީ އެއީ ކޮން ބައެއް ކުރާ އޮޕަރޭޝަނެއްތޯ. އެއީ ކިހާ ހިސާބަކަށްތޯ، ކޮން ބައެއްތޯ މީގައި ގުޅިފައި ހުރީ،" މާނިއު ވިދާޅުވި އެވެ.
މާނިއު ވިދާޅުވި ގޮތުގައި އެ މައްސަލާގައި އެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމުގަ އެވެ. އެ މުވައްޒަފަކީ ސްކޭން އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އޮފިސަރެއްކަން އޭނާ ފާހަގަކުރެއްވި އެވެ.