އައްޑޫން ކަރަންޓު ކެނޑެނީ އެފްކޮންސްއިން ކަރަންޓު ނަރުތައް ބުރިކުރާތީ: މުސްތޮ
އައްޑޫ ސިޓީން ކަރަންޓުގެ ހިދުމަތް މެދުކެނޑެނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްއިން އެ މަސައްކަތް ކުރަމުން އަންނަ ގޮތުން ކަރަންޓު ނަރުތައް ބުރިވާތީ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް (މުސްތޮ) ވިދާޅުވެއްޖެ އެވެ.
މުސްތޮ މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީ އާ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭތީ، އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ގޮވާލާ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީގެ މެމްބަރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އަސާސީ ހިދުމަތެއް މެދުކެނޑިގެން ދިއުމަކީ ކަންބޮޑުވާން ޖެހޭވަރުގެ މައްސަލައެއް ކަަމަށެވެ. އައްޑޫއަށް ކަރަންޓުގެ މައްސަލަ ދިމާވެފައި ވަނީ ކެޕޭސިޓީ އާ ގުޅިގެން ކަމަށާއި މި މައްސަލައަކީ މާކުރިއްސުރެ ދިމާވަމުން އައި މައްސަލައެއް ކަމަށް މުސްތޮ ވިދާޅުވި އެވެ.
ކަރަންޓުގެ މައްސަލަ ދިމާވީ ސްޕެއާ ނުލިބޭތީ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވާ މުސްތޮ ވިދާޅުވި ގޮތުގައި މައްސަލަ ކުރިމަތިވެފައި ވަނީ އައްޑޫ ސިޓީގެ މަގުތައް ހަދަން ހަވާލުކޮށްފައިވާ އެފްކޮންސްއިން އެ މަސައްކަތް ކުރަމުން އަންނަ ގޮތުގެ ސަބަބުން ކަމުގަ އެވެ.
"މިދިޔަ ސަރުކާރުން މަގު ހަދަން ހަވާލުކުރި އެފްކޮންސްއިން މި ކުރާ ކަމަކީ ދޭތެރެދޭތެރެއިން މަގު ހަދަމުން ދާއިރު، ކަރަންޓު ކެނޑެނީ. ނަރުތައް ބުރި ވަނީ. މިގޮތަށް ދެތިން ހަތަރު، ފަސް ފަހަރެއް ހިނގައްޖެ ޖެހިޖެހިގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި،" ކަރަންޓު ކެނޑޭ ސަބަބާ ގުޅޭގޮތުން މުސްތޮ ވިދާޅުވި އެވެ.
މުސްތޮ ވިދާޅުވީ ކަރަންޓު ފޯރުކޮށްދޭ ސަޕްލައި ނަރުތައް ބުރިވުމުން އެކަން ރަނގަޅުކުރާ ކަމަށެވެ. އެގޮތުން އިއްޔެ ކެނޑުނު ނަރެއް ރޭގެ ވަގުތެއްގައި ރަނގަޅުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. ކަރަންޓު ނަރުތަކަށް ބަލައިގެން މަގުތައް ހެދުމުގެ މަސައްކަތް އެފްކޮންސްއަށް ކުރެވޭނެ ގޮތަކީ ކޮބައިތޯ މިހާރު ބަލަން ޖެހިފައިވާ ކަމަށް ވެސް މުސްތޮ ވިދާޅުވި އެވެ.
އައްޑޫއަށް ދިމާވެފައިވާ މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މުސްތޮ ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ސިޓީން ކަރަންޓުގެ ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން 32 މެގަވޮޓްގެ އިންޖީނުގެއެއް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"ޗައިނާ ސަރުކާރާ އެކީގައި 32 މެގަވޮޓްގެ އިންޖީނުގެއެއް 20 އަހަރުގެ މުއްދަތަށް، ކަރަންޓު މައްސަލަ ނުޖެހޭ ގޮތަށް އައްޑޫ ސިޓީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އެ މަސައްކަތް ކުރަމުން އެ ގެންދަނީ،" ކަރަންޓު ކެޕޭސިޓީ އިތުރުކުރަން ކުރަމުން އަންނަ މަސައްކަތަށް އިޝާރަތް ކުރައްވާ މުސްތޮ ވިދާޅުވި އެވެ.
އައްޑޫ ސިޓީ އާ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލަ މަޖިލިހަށް ހުށަހެޅީ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލެވެ. އެ މައްސަަލަ ބަލައިގަތުމަށް ފާސްކޮށްފައި ވަނީ 57 މެމްބަރުންގެ ވޯޓާ އެކުގަ އެވެ.
އެހެންވާނެ ދޯ؟ އެފްކޯން މީހުން މަސައްކަތް ކުރާއިރު އެމީހުންގެ މަސައްކަތް ދާ ގޮތް ބަލަން އެމީހުންގެ އިންޗާޖަކަށް ހުންނަ މީހަކު އެހާ ފަރުވާކުޑައިއްޔާ