ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ވަރަށް ކެޕޭސިޓީ އިތުރުކުރެވޭ ވަރުގެ ޒަމާނީ އިންޖީނުގެއެއް އައްޑޫ ސިޓީގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އެ ކޯޕަރޭޝަނުން ދެމުން އަންނަ ކަރަންޓުގެ ހިދުމަތާ ގުޅޭ ގޮތުން ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ސިޓީގެ ކަރަންޓުގެ ހާލަތު ދަށްވެ، އެކި ސަރަަހައްދުތަކުން ހިދުމަތް މެދުކެނޑެމުންދާ ކަމަށެވެ.
އައްޑޫގައި މިހާރު ހަރުކުރެވިފައިވާ ޖެންސެޓުތަކުގެ ތެރެއިން 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އިންޖީނު މަރާމާތު ކުރަން ބޭނުންވާ ސްޕެއާއަކީ ރާއްޖޭން ލިބެން ހުންނަ އެއްޗަކަށް ނުވާތީ ސްޕެއާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.
ފެނަކައިން ބުނެފައި ވަނީ ސްޕެއާ ހޯދާ އިންޖީނު މަރާމާތު ކުރުމުގެ އިތުރުން މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން 1.6 މެގަވޮޓްގެ ޖެންސެޓެއް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެ އެވެ.
"އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތް ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ކެޕޭސިޓީ އިތުރު ކުރުމަށް، ޑީސެލް ޕަވަ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ސިސްޓަމް ޕްރޮޖެކްޓް ފޯ އައްޑޫ ސިޓީގެ ނަމުގައި ޑޮންފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްގެން ޒަމާނީ ޕަވަ ހައުސްއެއް ގާއިމު ކުުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެވި މަސައްކަތް މިހާރު ވަނީ ފެށިފައި،"
އެ ސިޓީގެ ޖެނެރޭޝަން ކެޕޭސިޓީގެ މައްސަލައިގެ އިތުރުން މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި، އެފްކޮންސްގެ އަތުން އެޗްވީ ކޭބަލާއި ނެޓްވޯކަށް ތަކުރާރުކޮށް ގެއްލުންވާ ކަމަށް ފެނަކައިން ބުންޏެވެ. އެކަމާ ގުޅިގެން މީގެ ކުރިން ވެސް ހިތަދޫ ސީޕީއެސްއާ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ކުރިމަތިވެފައިވެ އެވެ.
މި މަހުގެ އެއް ވަނަ ދުވަހު އެފްކޮންސްގެ އަތުން އެޗްވީ ކޭބަލެއް ހަލާކުވުމާ ގުޅިގެން ނެޓްވޯކަށް މައްސަލަތަކެއް ދިމާވާން ފެށި ކަމަށް ފެނަކައިން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އިއްޔެ ދިމާވި މައްސަލައަކީ ވެސް އޭގެ ފަހުން ނެޓްވޯކަށް ދިމާވާން ފެށި މައްސަލައެއްކަން ފާހަގަކުރެވިފައިވާއިރު، ނެޓްވޯކަށް ދިމާވި މައްސަލަ ޓެކްނިކަލް ޓީމުން ވަގުތީ ގޮތުން ހައްލުކޮށްފައިވާ ކަމުގަ އެވެ.
މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ސަބަބުން ނެޓްވޯކަށް ކުރިމަތިވާ މައްސަލަ އިތުރަށް ދިމާވެދާނެ ކަމަށް ގަބޫލު ކުރެވޭކަން ފާހަގަކޮށް ފެނަކައިން ވަނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.