ޚަބަރު ސަރުކާރު

ޗައިނާ ބޭންކެއްގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަން ޝައުގުވެރިކަން ފާޅުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ޗައިނާ ބޭންކެއްގެ ބްރާންޗެއް ރާއްޖޭގައި ހުޅުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިގުތިސޯދީ އެޖެންޑާ އާ ގުޅޭގޮތުން "އަސްލު ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވެފައި ވަނީ މިވަގުތު ރާއްޖޭގައި ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 13،000 ޑޮލަރުގައި ކަމަށެވެ. އެ އަދަދު މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު 17،000 އެމެރިކާ ޑޮލަރަށް ބަދަލުވާނެ ކަމަށް ރައީސް އަންދާޒާ ކުރައްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ހާސިލު ކުރެވޭނީ އިގުތިސޯދީ ގޮތުން ކުރިއެރުންތަކެއް ހޯދިގެން ކަމަށެވެ. އެކަމަށްޓަކައި ބޭނުންވާ އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމާ އަދި ބޮޑެތި ވިޔަފާރިތައް އިންވެސްޓްކޮށްގެން ވިޔަފާރިވެރިންނަށް ފުރުސަތުތައް ހޯދައިދިނުން ކަމަށް ޒަމީރު ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް އުފައްދަން ކުރަމުން އަންނަ މަސައްކަތުގެ އިތުރުން ހާއްސަ ބޭންކެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ. އެގޮތުން ޗައިނާގެ އިތުރު ބޭންކެއް ރާއްޖެއަށް ގެނައުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަކަން ޒަމީރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިފަހަރު ދެކެވުނު ވާހަކައިގައި އެބައޮތް ޗައިނާގެ ބޭންކަކުން ރާއްޖޭގައި ބްރާންޗެއް ހުޅުވުމަށް ޓަކައި އިންޓްރެސްޓް ފާޅުކޮށްފައިވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވި. އެކަމަށް ޓަކައި އަޅުގަނޑުމެންގެ ސަފީރު މިހާރު އެ ޕްރޮވިންސަށް ވަޑައިގެން އެބަ މަސައްކަތް ކުރައްވާ،" ޒަމީރު ވިދާޅުވި އެވެ.

ޗައިނާގެ ބޭންކެއްގެ ބްރާންޗެއް ރާއްޖޭގައި ހުޅުވަން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ހާމަކުރުން ފިޔަވައި އެކަމާ ގުޅުންހުރި އިތުރު ތަފުސީލަކަށް މިނިސްޓަރު ވަޑައިގެންފައެއް ނުވެ އެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!