އަހަރަކު ދެ ފަހަރު ބައި-އިލެކްޝަން ބާއްވަން ޖެހޭ ގޮތް ހަަދަނީ
ލޯކަލް ކައުންސިލްތަކުގައި ހުސްވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރަން އަހަރަކު ދެ ފަހަރު ބައި އިލެކްޝަން ބާއްވަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މި އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލާ އެކު ދެން ހުށަހެޅި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަަމަ ކިއުން އިއްވާފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހީމް އެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެމްބަރު އިސްމާއީލް ޝަފީއު އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ކައުންސިލެއްގެ ގޮނޑިއެއް ހުސްވިކަން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އީސީއަށް އަންގާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވަން ޖެހެ އެވެ.އެކަމަކު، ކައުންސިލްގެ ގޮނޑިއެއް ހުސްވިއިރު، ދައުރު ނިމެން 1 އަހަރަށް ވުރެ ކުރު މުއްދަތެއް ބާކީ އޮތް ނަމަ ބައި އިލެކްޝަން ބާއްވާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް، ކައުންސިލްގެ ގާނޫނީ އަދަދު ހަމަނުވާނަމަ، ހަމަ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކައުންސިލެއްގެ ގޮނޑިއެއް ހުސްވިކަން އެލްޖީއޭއިން އީސީއަށް އަންގާތާ 183 ދުވަސް ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ. މި އިސްލާހު ފާސްވެއްޖެ ނަމަ، ދެން އީސީން ބައި އިލެކްޝަން ބާއްވާނީ ކައުންސިލަކުން ގޮނޑިއެއް ހުސްވިކަން އެލްޖީއޭއިން އަންގާތާ ގާތްގަނޑަކަށް ހަ މަސް ދުވަސް ފަހުން ނެވެ. އެއާ އެކު ދެން ބައި އިލެކްޝަންތައް ބާއްވަން ޖެހޭނީ އަހަރަކު ދެ ފަހަރެވެ.
ކައުންސިލްތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެގޮތަށް ބާއްވާ ބައި އިލެކްޝަނެއްގެ ދެމެދުގައި 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް، ކައުންސިލްގެ ދައުރުގައި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ބާކީ އޮތް ނަމަ، ނުވަތަ ގާނޫނީ އަދަދު ހަމަނުވާނަމަ މިހާރުވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވަނީ ބައި އިލެކްޝަނަކަށް ކުރިމަތިލާން އެދޭ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާ ގުޅޭ ކަންކަން އީސީން ހަދާ ގަވާއިދަކުން ބާރު ލިބޭ ގޮތް ހެދުމަށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ބައި އިލެކްޝަން ބާއްވަން އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 15 ދުވަސް ތެރޭގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވަން ޖެހެ އެވެ.