މާލޭގެ އާންމު ހިދުމަތްތަކާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް
މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މި ސިޓީގައި ހުރި އިސްލާހު ކުރަންޖެހޭ ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފި އެވެ.
ރޭގެ ބައްދަލުވުމުގައި މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުސްތަފާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްފަންނުގައި ބައެއް ހިދުމަތްތައް ފުރިހަމަ ނުވާތީ އެކަމާއި ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް އާއި މެމްބަރު މުސްތަފާ ސުވާލު ކުރެއްވި އެވެ.
މިސުވާލަށް ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ރަސްފަންނުގައި ފާހާނާ ބަރިއެއް ހުރިނަމަވެސް އެތަން ހުންނަކަން ދަންނަ މީހަކު ވަރަށް މަދު ކަމަށެވެ. އަދި އެތަނުގައި ފެންވަރާނެ މާގަނޑުތައް ހަރުކޮށްފައި ހުރި ނަަމަވެސް އެތަކެތިވެސް ހުންނަނީ ދެދުވަހުން އެއްދުވަހު ހަލާކުވެފައިކަމަށް އާޒިމް ވިދާޅުވި އެވެ.
ރަސްފަންނު ބޭނުން ކުރާ ރައްޔިތުންނަށް ފާހާނާ ބަރިއެއް ހާއްސަކޮށްފައި ހުންނަނީ ޕޮމެލޯގަ އެވެ. އެ ފާހާނާ ބަރިތައް މަރާމާތު ކުރުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަނީ ޕޮމެލޯ ކުއްޔަށް ދޫކޮށްފައިވާ ފަރާތަށެވެ. ސަރުކާރުން ޕޮމެލޯ ދޫކޮށްފައި ވަނީ އެމްޑަބްލިއުއެސްސީ އަށާއި އެމްޓީސީސީ އަށެވެ.
"ބައެއް ފަހަރު ފެން މާގަނޑާ އެއްޗެހި ހުއްޓުނީމަ އަޅުގަނޑުމެން (ސިޓީ ކައުންސިލުން) އެ ތަންތަން އެބަ ރަނގަޅުކުރަން. އެހެން ނަމަވެސް އަސްލު އެކަން ކުރަން ޖެހޭ ފަރާތަކީ އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ. އެ މީހުންނަށް އެ ތަނުން އާމްދަނީ ވެސް ލިބޭނެ. އެހެންވެ އެކަން ކުރުމަށް އެ އޮތީ ދީފައި،"
ޕޮމެލޯ ހިންގުން ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތްނަމަވެސް އެދެ ކުންފުނިން އެތަން ވަނީ ސަބް ކޮންޓްރެކްޓަށް ދީފަ އެވެ. އާޒިމް ވދިާޅުވީ މިއީ ރައްޔިތުން ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާނީ ހިދުމަތްތައް މެދު ނުކެނޑި ލިބުންކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭގެ އެކި ކަންކޮޅުތަކުގައި ހުރި އާންމު ފާހާނާ ބަރިތަކާއި ގުޅޭ ކަންބޮޑުވުންވެސް މޭޔަރު ފާހަގަކުރެއްވި އެވެ. އެގޮތުން މާލޭގެ ފަސް ތަނެއްގައި އާންމުން ބޭނުންކުރަން ފާހާނާ ބަރިތަކެއް ހުންނަނީ ހަދައިފަ އެވެ. އޭގެ ތެރެއިން ދެ ފާހާނާ ބަރި ބޭނުމެއް ނުކުރެ އެވެ. ދެން ހުރި ތަންތަން ހުރީ އާންމުންނަށް ބޭނުން ނުކުރެވޭހާ ހަޑިކޮށެވެ.
އާޒިމް ވިދާޅުވީ މި ފާހާނާ ބަރިތަކުން ހިދުމަތް ނުލިބުނު ނަމަވެސް އެތަން ކުއްޔަށް ދޫކޮށްފައި ހުންނަ ފަރާތްތަކަށް ބަރާބަރަށް އާމްދަނީ ލިބޭ ކަމަށެވެ.
"އެ ހިސާބުގަނޑުގެ އެތައް ރައްޔިތުންނަކަށް އެ ފާހާނާތައް ބޭނުން ނުކުރެވޭ ގޮތަށް ޓިނު ޖަހާފައި އެ ހުރީ ބަހައްޓާފައި. އެކަމަކު އެތަނުގެ ވިޔަފާރި އެބަ ކުރޭ ބަރާބަރަށް، އެ ތަންތަން ކުއްޔަށް ދީގެން. އަޅުގަނޑުމެންނަށް އެތަނުގައި އަތްލެވެނީއެއް ނޫން، އެ ތަނަށް ވަދެވެނީކީ ނޫން، ހުރިހާ ފާހާނާތައް ތަޅުލާފައި.”
އާޒިމް ވިދާޅުވީ ގާނޫނަކުން މިކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. މާލޭ ސިޓީގައި އާންމު ހިދުމަތް ދިނުމަށް ދޫކޮށްފައި ހުރި ތަންތަނުން ރައްޔިތުންނަށް ހިދުމަތް ނުދީ ގިނަ ދުވަސް ވާނަމަ ކޮންޓްރެކްޓު ބާތިލުކޮށް ސިޓީ ކައުންސިލަށް އެތަންތަން އަނބުރާ ނެގޭނެ އުސޫލެއް އެކުލަވައިލަން ޖެހޭކަމަށް އާޒިމް ވިދާޅުވި އެވެ.
މާލޭ ސިޓީގައި ހުރި އާންމު ފާހާނާ ބަރިތަކުގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައިވެސް މަސައްކަތްތަކެއް ކުރެއްވި އެވެ. އެހެންނަމަވެސް އެތަނުގެ މައްސަލަ ކޯޓުގައި އޮތުމުން އެތަންތަން އަތުލެވޭ ގޮތެއް އޭރު ނުވި އެވެ. މިހާރުވެސް ދިމާވެގެން އުޅެނީ މިމައްސަލަ އެވެ.