ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް މި އަހަރު ފަށަން ތައްޔާރުވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް މި އަހަރުގެ ތެރޭގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ބްރޯޑްކޮމްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެ ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ވިދާޅުވީ ކޮމިއުނިޓީ ބްރޯޑްކާސްޓިންއަކީ ރާއްޖެއިން ނެތި ގޮސްފައިވާ ކަމެއް ކަމަށެވެ. ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރެއިން ފަށައިގެން ރާއްޖޭގެ ހުރިހާ ކައުންސިލަކާ އެކު އެކަމާ ގުޅޭގޮތުން މިހާރު މިއޮތް ކޮމިޝަނުން މަޝްވަރާކޮށްފައިވާ ކަމަށް މަރީ ވިދާޅުވި އެވެ.

ބްރޯޑްކޮމްއިން ބ. އަދި ޅ. އަތޮޅަށް ކުރި މޮނިޓަރިން ދަތުރުގެ ތެރެއިން އެ ދެ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުކޮށް ކޮމިއުނިޓީ ބްރޯޑްކާސްޓިން އާ ގުޅުންހުރި މަޝްވަރާތައް ވަނީ ކޮށްފަ އެވެ. މަރީ ވިދާޅުވި ގޮތުގައި އެ ބައްދަލުވުންތަކުން އެންމެ ބޮޑަށް ފާހަގަކުރީ ރަށްތަކަށް ސްޓޭޝަންތަކުގެ އަޑުނީވޭ މައްސަލަ ކަމުގަ އެވެ. ސްޓޭޝަންތައް ގާއިމުކޮށްފައި ހުންނަނީ މާލޭގައި ކަމުން ރަށްތަކަށް ހިދުމަތް ފޯރުކޮށްދިނުމަކީ އަގުބޮޑު ކަމެއް ކަމަށް މަރީ ވިދާޅުވި އެވެ.

"ކޮމިއުނިޓީ ރޭޑިއޯ، ޓީވީ އެބަ ޖެހޭ ވުޖޫދަށް ގެންނަން. އެ ވުޖޫދަށް ގެނައުމަށް އަޅުގަނޑުމެން ވާނީ އުސޫލެއް އެކުލަވާލައި މަސައްކަތްތަކެއް ފަށާފައި. އެއް ރަށެއްގައި ވެސް އަޅުގަނޑުމެންނަށް ކުރެވިއްޖެއްޔާ އެކަން ވާނީ ފައިދާ ކުރަނިވި ކަމަކަށް،" މަރީ ވިދާޅުވި އެވެ.

ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ފެށިއްޖެ ނަމަ އެކަމުން ސަރުކާރަށާއި ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ކަމަށާއި ހިދުމަތް މެދުވެރިކޮށް ހުރިހާ އެންމެންގެ އަޑު އިވޭނެ ކަމަށެވެ. މި ހިދުމަތަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރަމުން އަންނަ ކަމަކަށްވާއިރު ސިޔާސީ، އިޖުތިމާއީ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި އެކަން ވާނެކަން މަރީ ފާހަގަކުރެއްވި އެވެ. މަރީ ވިދާޅުވެފައި ވަނީ ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ހިނގަމުންމިދާ އަހަރުގެ ތެރޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ފަށަން ބޭނުންވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ފަޒީން ވިދާޅުވި ގޮތުގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވެސް ބޭނުންތެރި ހިދުމަތަކަށް ވާނެ ކަމުގަ އެވެ.

"ރަށު ލެވެލްގައި ނޫނީ އަތޮޅު ލެވެލްއެއްގައި ރޭޑިއޯ، ޓީވީ ސްޓޭޝަނެއް އުފެއްދިއްޖެ ކަމަށް ވަންޏާ، ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކު ހުރި ތަނުން ރަށުގެ މައުލޫމާތު، ފެރީ ޝެޑިއުލް، ޑޮކްޓަރުންގެ ޝެޑިއުލް، ކައުންސިލުން ނިންމާ ނިންމުންތައް. މި ހުންނަ އިއުލާނުތައް އަޑުއިވުމުގެ ފުރުސަތު. އަޕްޑޭޓްސް ލިބެމުންދާނެ ބަރާބަރަށް،" ފަޒީން ފާހަގަކުރެއްވި އެވެ.

ފަޒީން ވިދާޅުވީ މި އަހަރު އެފަދަ އެއް ޕްރޮޖެކްޓް އިފުތިތާހު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ މާލީ ހާލަތާ ހުރެ، ކޮމިޝަނުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހިލާފައިވާ ކަމަށެވެ.

ކޮމިއުނިޓީ ބްރޯޑްކާސްޓިންއަކީ ރަށު ފެންވަރުގައި އެ ރަށެއްގެ ރައްޔިތުންނަށް އެކަނި ލިބޭ ގޮތަށް ދެވޭ ހިދުމަތަކަށްވާއިރު، ހިދުމަތް ފެށުމަށް މަޝްވަރާތައް ކުރުމުގެ އިތުރުން ކަމާ ގުޅުންހުރި އުސޫލުތައް ބްރޯޑްކޮމްއިން 2020 ވަނަ އަހަރުގެ ތެރޭގައި އާންމުކުރި އެވެ. ހިދުމަތް ފަށަން ސެންޓަރުތަކެއް އަޅައި ޕައިލެޓް ޕްރޮޖެކްޓެއް ވެސް ހިންގި އެވެ. އެހެންނަމަވެސް އެކަން އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!