ޚަބަރު އިޖުތިމާޢީ

ވިސާއަށް ފައިސާ ދެއްކުމަކުން ނުފުދޭ، ގާނޫނު މުގުރާނަމަ ފުރުވާލާނަން: ޝަމްއާން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިމިގްރޭޝަނުގެ ކޮންޓްރޯލާ ޝަމްއާން: ވިދާޅުވީ ވިސާއަށް ފައިސާ ދެއްކިޔަސް ގާނޫނާއި ގަވާއިދު މުގުރާ ބިދޭސީން ފުރުވާލާނެ ކަމަށް / ދެން އިމޭޖެސް

ވިސާއަށް ގަވާއިދުން ފައިސާ ދެއްކުމުން ހަމައެކަނި ނުފުދޭ ކަމަށާއި ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުގުރާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް ފުރުވާލެވޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އިމިގްރޭޝަނުން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަ ބިދޭސީން ޑީޕޯޓުކުރުމަށް ނިންމައިފަ އެވެ. އަސްރަފީ މަގުގައި ހިންގި އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާއިރު، ފުލުހުން ވަނީ އެކަމުގައި ބައިވެރިވި ހަ މީހަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން އެ އިދާރާއިން ރޭ ބުނެފައި ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބިދޭސީންގެ އިތުރުން ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގައި މަަސައްކަތްކޮށް ދިރިއުޅެމުންދިޔަ ނޯވޭ ފަތުރުވެރިއެއް ހޯދައި، އިއްޔެ އެ މީހާ ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަަނަ ދުވަހު ރާއްޖެ އެތެރެވި އެ މީހާ އާ ގުޅޭ މައުލޫމާތު ލިބިގެން އެ އިދާރާއަށް އޭނާ ހޯދިފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އިމިގްރޭޝަނުން މިފަހުން ވަނީ ގދ. ތިނަދޫގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ބިދޭސީން ޑީޕޯޓު ކުރުމަށް ވެސް ނިންމާފަ އެވެ.

ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޝަމްއާން މިއަދު ވިދާޅުވީ ބިދޭސީންނަށް ދޫކޮށްފައިވާ ވިސާއަށް ހަމައަށް ފައިސާ ދެއްކުމަކީ އަދި އެ މީހާއަކީ ގަވާއިދުން އުޅޭ ފަރާތެއް ކަމުގައި ބަލައި ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ.

"‏ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލަނބާ، ގާނޫނުތަކާއި ގަވާއިދުތައް މުގުރަމުން، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރަމުންދާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް، އެ ފަރާތްތައް ދިވެހިރާއްޖެއިން ފުރުވާލެވޭނެ ވާހަކަ ދަންނަވަން،" ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގާނޫނު ތަންފީޒީ އިދާރާތަކުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމުގަ އެވެ. އިމިގްރޭޝަނުގެ ކޮންޓްރޯލާ ވަނީ އެ މަސައްކަތުގައި އާންމު ފަރާތްތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!