161 މިލިއަން އާރުޑީސީން ޓްރާންސްފާކޮށްފައި ވަނީ އެއްވެސް ލިޔެކިޔުމަކާ ނުލާ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ ޓްރާންސްކޮށްފައިވާ އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު ވިދާޅުވެއްޖެ އެވެ.
އާރުޑީސީގެ ހިޔާނާތުގެ މައްސަލާގައި ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ހިމެނޭ ކަމަށް ތުހުމަތު ކުރެވިފައިވާއިރު، އެކަމުގައި ތިން ފަރާތެއްގެ ބައިވެރިވުން ހިމެނޭކަން ޔަގީން ކުރެވިފައިވާ ކަމަށް މީގެކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވެ އެވެ.
ކުންފުނިތަކުގެ ކުރީގެ މެނޭޖްމަންޓުން ހިނގާފައިވާ ކޮރަޕްޝަންތަކާ އަދި އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ހުށަހެޅިފައިވާ މައްސަލައިގެ މައުލޫމާތު ސާފު ކުރުމަށް، ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން މިއަދު ވަނީ އާރުޑީސީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.
މި ބައްދަލުވުމުގައި އަސްބާހު ވިދާޅުވީ 2022 ވަަނަ އަހަރު 65 މިލިއަން ރުފިޔާ ފެންނަނީ ހަމައެކަނި ބޭންކް ސްޓޭޓްމަންޓްގައި ޓްރާންސްފާކޮށްފައި ހުރި ތަން އެކަނި ކަމަށެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަން ކޮށްފައި ވަނީ އެއް މިލިއަން ރުފިޔާ އާ ހަަމައަށް އިތުރު މީހެއްގެ ހުއްދައަކާ ނުލައި ކުންފުނީގެ ސީއެފްއޯއަށް ލިބިދީފައިވާ ހުއްދައިގެ ދަށުންނެވެ.
މިދިޔަ އަހަރުގެ ޓްރާންސްސެކްޝަންގެ ގޮތުގައި 95 މިލިއަން ރުފިޔާ ފެންނަން އެބަހުރި ކަމަށް ޑީއެމްޑީ ވިދާޅުވި އެވެ. ފާހަގަކުރެއްވި ގޮތުގައި މުޅި ޖުމްލަކޮށް އެއީ 161 މިލިއަން ރުފިޔާ ކަމުގަ އެެވެ.
"އެއްވެސް ގޮތަަކަށް ޓްރާންސްސެކްޝަންގެ ބޭންކް ސްލިޕް ނޫނީ ރިމާކްސްގެ ގޮތުގައި ވިޔަސް، އެއްވެސް ގޮތަކަށް ނެތް މައުލޫމާތެއް ރިފާކޮށްފައި. މިއީ ކޮން ހިދުމަތަކަށްތޯ، މުދަލަަކަށްތޯ، ކޮން ކަމަކާ ގުޅޭގޮތުން ދީފައި ހުރި ފައިސާއެއްތޯ،" އަސްބާހު ވިދާޅުވި އެވެ.
ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގް ސުވާލު ކުރެއްވީ ބޮޑު އަދަދުތަކުން ޓްރާންސްފާތައް ހެދުނުއިރު، ފްލެގް ކުރެވިފައި ނުވަނީ ކީއްވެގެންތޯ އާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އެޅިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ. އަދި 161 މިލިއަން ރުފިޔާ ސްޓޭޓްމަންޓަކާ ނުލައި ފައިސާ ޖަމާވެފައި ކޮން ފަރާތްތަކެއްގެ އެކައުންޓްތަކަށްތޯ ވެސް ސުވާލު ކުރެއްވި އެވެ.
އެ ސުވާލުގެ ޖަވާބުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވީ ޓްރާންސްފާތަކުގެ މައްސަލަ އާ ގުޅިގެން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ މާލިއްޔަތު ގަވާއިދުތަކާ އެއްގޮތަށް ކުންފުނީގެ އަމަލުތައް ބައްޓަން ކުރުން ކަމަށެވެ. ފައިސާ ދޫކުރުމާއި ފައިސާ ލިބުމާއި ޕްރޮކިއުމަންޓްގެ ކަންކަން މިހާރު ކުރިއަށް ދާނީ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
"ޑޮކިއުމަންޓެއް ނެތި، ދޫކުރެވިފައި ހުރި ފައިސާތަކުގެ ތަހުގީގީ މަރުހަލާ އެބަދޭ ކުރިއަށް. އަދި ފުލް ވެރިފިކޭޝަންއެއް އަޅުގަނޑުމެންނަށް އަންނާނީ މިހާރު މިހަދާ ސްޕެޝަލް އޯޑިޓް އޭގެ ޒާތުގައި ނިމިގެން،" ޒުހައިރު ވިދާޅުވި އެެވެ.
އާރުޑީސީން މި އޮޑިޓްތައް ކުރިއަށް ގެންދަނީ އޮޑިޓް އޮފީހާ ގުޅިގެންނެވެ. އެ މަސައްކަތް ނިމުމުން ކަމާ ގުޅުންހުރި އިދާރާތަކާ އެ މައުލޫމާތުތައް ހިއްސާ ކުރާނެ އެވެ.
އަޝްރަގު އިތުރަށް ކުރެއްވި ސުވާލަކީ ވެރިކަން ބަދަލުވި މަރުހަލާގެ ތެރޭގައި އެކި ޖަރީމާތައް ހިންގާފައިވާ ކަމަށް ވާހަކަ ދެކެވޭއިރު، އެ މުއްދަތުގެ ތެރޭގައި އެއްވެސް އަދަދެއް ޓްރާންސްފާކޮށްފައިވޭތޯ އެވެ.
ސުވާލަށް ޖަވާބު ދެއްވަމުން އަސްބާހު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުން ނޮވެމްބަރު މަހަށް އެ ކުންފުނީގެ އެކައުންޓަށް ރެވެނިއުގެ ގޮތުގައި ވަދެފައިވާ ފައިސާގެ ކުރު ތަފުސީލެއް ދެއްވާފަ އެވެ.
- ޖުލައި - 50 މިލިއަން ރުފިޔާ
- އޮގަސްޓް - 96 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު - 56 މިލިއަން ރުފިޔާ
- ނޮވެމްބަރު - 90 މިލިއަން ރުފިޔާ
މި ތަފުސީލުތަކަށް އަލިއަޅުއްވާލައްވާ އަސްބާހު ވިދާޅުވީ މުވައްޒަފުންގެ މުސާރައަށް އޭރު ހިނގަނީ 22 މިލިއަން ރުފިޔާ ކަމަށެވެ. އެ އަދަދުތަކުގެ ބެލެންސް އެކި ދިމަދިމާލަށް ފޮނުވާފައި ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވި އެވެ. މިގޮތަށް ވަދެފައިވާ ފައިސާގެ ތަފުސީލުތައް އެނގޭނީ އޮޑިޓްތައް ހެދުމުން ކަމަށް ޑީއެމްޑީ ވިދާޅުވި އެވެ. ވިދާޅުވީ ކަމާ ގުޅުންހުރި އިދާރާތަކުން ބަލަމުން އަންނަ ކަންކަމަށް ފަހު ތަފުސީލުތައް އެނގޭނެ ކަމަށެވެ.
މުޢިއްޒުގެ ސަރުކާރަކުން ތިޔައިން އެއވެސް ކަމެއ ނުބަލާނެ! އެއީ ސިޔާސީ ބަދަލު ހިފުން ނިމުނީ ކަމަށް ރައީސް ވިދާޅުވެފައިވާތީ!
ރައޔިތުންގެ ފައިސާ ގަނޑު ކާލުމުންވެސް ވަނީ ސިޔާސީ ބަދަލު ހިފުމަކަށްތަ؟