ޚަބަރު ސަރުކާރު

ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތެއް ހޯދަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިނިސްޓަރު އަމީން: ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތެއް ހޯދުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފި އެވެ.

Ads by Sosun Fihaara

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަށް ސަލާމަތާއި ރައްކާތެރިކަން ބެލުމަށް އެކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ސްޓަޑީއެއް ހަދާފައިވާ ކަމަށެވެ. ހެލިކޮޕްޓަރުގެ ހިދުމަތް ދޭނީ އެ ސްޓްޑީޒްގައި ބުނާ މިންގަނޑުތަކަށް ކަމަށް ވިދާޅުވި އެވެ.

ގެޒެޓުގައި އިއްޔެ ކުރި އިއުލާނެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނޭޝަނަލް އެމަޖެންސީ ސާވިސްއިން ދެމުން އަންނަ ހިދުމަތާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލާފަ އެވެ.

ހެލިކޮޕްޓަރުގައި ފަތުރުވެރިން އުފުލުމުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތަށް 10 އަހަރުގެ އެކްސްކްލޫސިވް އެއްބަސްވުމެއް ޓްރާންސްޕޯޓް މިނިސްޓްރީން ދޭނެ އެވެ.

އީއޯއައިއަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުހަލާ ފަށާނެ އެވެ. ޕްރޮޕޯސަލް ހަދަން ޖެހޭނީ ކަނޑައަޅާފައިވާ އިސްތިރާޖީ އަމާޒުތަކާ އެއްގޮތްވާ ގޮތަށެވެ.

އީއޯއައި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އީމެއިލް މެދުވެރިކޮށް ނުވަތަ އެ މިނިސްޓްރީ ހިންގާ އުމަރު ޒާހިރު އޮފީހުގެ ތިންވަނަ ފަންގިފިލާއަށް ހުށަހެޅޭނެ ކަމަށެވެ.

ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމާ އެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ހިދުމަތް ތައާރަފު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަ އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!