ޚަބަރު ރައްޔިތުންގެ މަޖިލިސް

އައިޖީއެމްއެޗް ފުލްވެ، އެމެެޖެންސީ ރޫމްގައި ވެސް އެޑްމިޓް ކުރަން ޖެހޭ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލް/ ފޮޓޯ: ދެން އިމޭޖްސް

ސަރުކާރުގައި މައި ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލުގެ އެނދުތަކުގެ އަދަދު މިވީ 29 ވަރަކަށް އަހަރު ތެރޭގައި އިތުރުވެފައި ނުވާ ކަމަށާއި، ވޯޑުތަައް ފުރިގެން އެމެޖެންސީ ރޫމުގައި ޕޭޝަންޓުން ބައިތިއްބަން ޖެހޭ ކަމަށް ބުނެ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޭފުޅުން ހާޒިރުކޮށް މެންބަރުން ވަނީ ސުވާލުކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލް 1995 ހުޅުވީ 186 އެނދާ އެކު ކަމަށެވެ. އެކަމަކު އޭގެ ފަހުން އެ ހޮސްޕިޓަަލަށް 29 އަހަރު ފުރިފައިވާއިރު، މާލޭ ސަރަހައްދުގައި ހުރި ހަތަރު ހޮސްޕިޓަލުގައި ހުރީ ޖުމްލަ 316 އެނދު ކަމަށެވެ. އެނދުތައް އިތުރުވެފައި ނުވާތީ އަބްދުލްރައްޒާގް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އާބާދީ އިތުރުވި އަދަދާ އަޅާބަލާއިރު އެނދުގެ އަދަދު އިތުރުކުރެވިފައި ނުވާކަން ހިތާމަ އާއެކު ފާހަގަކުރަން،" އޭނާ ވިދާޅުވީ އެކަށީގެންވާ މިންވަރަށް އެނދު ނެތުމުކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"މިވަގުތު މި ވާހަކަ ދައްކާއިރު ވެސް އެމެޖެންސީ ރޫމުގައި ވެސް ވަރަށް ގިނަ ޕޭޝަންޓުން އެޑްމިޓްކޮށްފައި އެބަތިބި. އެމެޖެންސީ ރޫމަކީ އެޑްމިޓްކޮށްގެން ފަރުވާދޭ ތަނެއް ނޫން. އެއީ އެމެޖެންސީތަކުގައި އަންނަ މީހުން ސްޓެބަލައިޒް ކުރުމުގެ މަސައްކަތް ކުރުމަށް، އެޑްމިޓް ކުރަން ޖެހޭ މީހުން ވޯޑުތަކާއި ޕްރައިވެޓް ރޫމްތަކަށް،" އަބްދުލްރައްޒާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ޝަކުވާ ލިބެނީ ހޮސްޕިޓަލުން ރޫމް ނުލިބިގެން ކަމަށާއި މިހާރު އަންނަނީ އެނދުތައް ނުލިބޭ ކަމުގެ ޝަކުވާ ކަމަށެވެ.

އަބްދުލްރައްޒާގް ވަނީ އެ ކޮމިޓީގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް، ހިދުމަތް ދެމުންގެންދާ ގޮތުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފަ އެވެ. ފާއިތުވި އެއް އަހަރު ތެރޭ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން 150،000 މީހުން އެމެޖެންސީގެ ހިދުމަތް ހޯދާފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލުން 200،000 މީހުން އަދި ވިލިމާލޭން 2،000 މީހުން އެމެޖެންސީގެ ހިދުމަތް ހޯދާފައިވެ އެވެ. އަދި އައިޖީއެމްއެޗް/ދަރުމަވަންތަ ހޮސްޕިޓަލުން 1.9 މިލިއަން ލެބޯޓަރީ ޓެސްޓް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގެ ހޮސްޕިޓަލުތަކުގެ އެޕޮއިންޓްމެންޓްތައް ލިބުމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެކަމާ ގުޅޭ ގޮތުން ކޮމިޓީގައި އަބްދުލްރައްޒާގް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.

Ads by HDC
  1. އެޑްމިޓް

    ތަންތަން ބިނދިގެން ދާމީހުން ފަރުވާ ނުދީ 3، 4 ދުވަސް އެޑްމިޓް ކޮށްފަ ބާއްވަންޏާ މަގުމަތި ވެސް ފުރޭނެ. އަވަހަށް ފަރުވާދީ ފޮނުވާލެވޭތޯއެއް ނުބަލާ. ޑިސްޗާޖު ސަމަރީ ނުލިބެޔޭ ކިޔާ ވެސް ދުވަހެއް ވަންދެން އެބަ ބާއްވާ.