މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު އާއި އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު، ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނަސްފައިވާ ކަމަށެވެ. އެގޮތުން އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން މިހާދު އާއި އެމްޓީސީސީގެ އެމްޑީ ޒިޔާދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށް ޕީސީބީން ވަނީ ބުނެފަ އެވެ.
އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އަހުމަދު ސައުދީ މިއަދުން ފެށިިގެން އައްޔަނުކޮށްފައިވާ ކަމަށްވެސް ޕީސީބީގެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މި ސަރުކާރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ ޑިވެލޮޕްމެންޓް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ވަނީ ތިން ބޭފުޅަކު އައްޔަނުކޮށްފަ އެވެ. އެއީ އަހުމަދު އަލީ އާއި ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދުގެ އިތުރުން ރޮބާރޓް ޑެނިއެލް ކާންޓް އެވެ. މި ތިން ބޭފުޅުންވެސް އައްޔަނު ކުރީ އެބޭންކުގެ ބޯޑު މެމްބަރުންގެ ގޮތުގަ އެވެ.
ޑިވެލޮޕްމެންޓް ބޭންކުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ބޭރުގެ ދެ ބޭފުޅަކު ވަނީ އައްޔަނުކޮށްފައިކަން ފާހަގަކޮށްލެވެ އެވެ. ސައީދު އަބްދުއްނާސިރަކީ ސިންގަޕޫރަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި ރޮބާޓް ޑެނިއަލް އަކީ ޔޫކޭއަށް ނިސްބަތްވާ ބޭފުޅެކެވެ.
ޑިވެލޮޕްމެންޓް ބޭންކަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު މާހިރުން އައްޔަނު ކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާން ކުރައްވައިފަ އެވެ. މި ބޭންކު އުފެއްދީ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ މަގްސަދުގަ އެވެ.