ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި 10 މަސް ދުވަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް ލަފާކުރައްވާ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ވޭތުވެދިޔަ 25 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހިތާމަވެރި ދެތިން ހާދިސާއެއް ހިނގި ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށަން ނިންމީ "ޔޫކޭ އެސެސްމެންޓް" އަކަށް ބެލުމަށް ފަހު ކަމަށެވެ.
"އެއީ ހެލިކޮޕްޓަރު އޮޕަރޭޝަނާ ގުޅޭގޮތުން އެންމެ ޓެކްނިކަލީ، އެންމެ ވަރުގަދަ އެސެސްމެންޓްސް ހެދޭނެ ދުނިޔޭގެ އެއް ރެގިއުލޭޓަރީ ބޮޑީއަކީ އެބޭފުޅުން. އެބޭފުޅުން ނިންމާފައިވާ ނިންމުންތަކާއި ރެކޮމެންޑޭޝަންތަކާ އެއްގޮތަށް އަޅުގަނޑު ހުށަހެޅީ ކެބިނެޓަށް،" އަމީން ވިދާޅުވި އެވެ.
އެއާ އެއްގޮތަށް ހެލިކޮޕްޓަރުގެ އޮޕަރޭޝަންސް ފެށިގެންދާއިރު، އޭގެ ތެރޭގައި "މެޑިކަލް ފްލައިޓް" އޮޕަރޭޓް ކުރުމާއި "ސާޗް އެންޑް ރެސްކިއު" އޮޕަރޭޓް ކުރުމާ އަދި ހޮވޭ ފަރާތަކުން "މޮޑެލް ވައިބަލް" ކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން އެހެނިހެން ސިނާއަތްތަކަށް ވެސް އޮޕަރޭޓް ކުރުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
"މި ކަންތައްތައް ކުރެވޭނީ ސިވިލް އޭވިއޭޝަނުގައި މި އޮންނަ ގާނޫނުގެ ދަށުން. އެއާ އޮޕަރޭޓަ ސެޓްފިކެޓް ލިބިގެން. އަދި އޭގެ އިތުރަށް އިނގިރޭސިވިލާތުގެ ސީއޭ ދެއްވާފައިހުރި ރެކޮމެންޑޭޝަންސްތަކާ އެއްގޮތަށް،" އަމީން ފާހަގަކުރެއްވި އެވެ.
މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން 36 ފަރާތަކުން ކުރިމަތިލާފައިވާ ކަމުގަ އެވެ.
"ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިތައް. ހެލިކޮޕްޓަރު އޮޕަރޭޝަންސްގެ އެންމެ ބޮޑެތި ކުންފުނިތަކާ އެކީގައި މިއަށް ކުރިމަތިލައްވާފައި އެބަހުރި،" ކަމަށް އަމީން ވިދާޅުވި އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ ހޯމަ ދުވަހަށް ހަމަވިއިރު، ދެން ހުޅުވާލާނީ އާރުއެފްޕީ ހުށަހެޅުމުގެ ފުރުސަތަށެެވެ. އޭގެން އެންމެ ރަނގަޅު "ޕްރޮޕޯނަންޓް" އެއް ހޮވާނެ އެވެ. ވިދާޅުވީ އެކަމަށް ގާތްގަނޑަކަށް ދެ މަސް ދުވަސް ހޭދަވާނެ ކަމަށެވެ. އެއަށް ފަހުގައި އެ ފަރާތާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން އެގްރިމެންޓެއް ހަދާނެ އެވެ. އެ އެގްރިމެންޓުގައި 10 އަހަރު ދުވަހުގެ "އެކްސްކްލޫސިވް ރައިޓްސް" ހިމެނޭނެ އެވެ.
އަމީން ވިދާޅުވި ގޮތުގައި އެކަން ކުރުމަށް ކެބިނެޓުން ނިންމި މައިގަނޑު ސަބަަބަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް "މެޑިކަލް އިވެކުއޭޝަން" އާއި "ސާޗް އެންޑް ރެސްކިއު" އަށް ހަރަދުތަކެއް ކުރާއިރު، އެކަމަށް ބޭނުންވާ ގަޑިއިރު ހޮވޭ ބަޔަކު ދައުލަތަށް ދޭން ޖެހޭ ގޮތަށް އޮންނާތީ ކަމުގަ އެވެ.
ވިދާޅުވީ އެގްރިމެންޓަށް ފަހު، އެއާ އޮޕަރޭޝަން ސެޓްފިކެޓް ހެދުމުގެ މަސައްކަތް ފެށޭނެ ކަމުގަ އެވެ. އެކަމަށް އެންމެ އަވަސް ވެގެން ވެސް ހަ މަހާއި އަށް މަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމުގަ އެވެ. ވުމާ އެކު ހިދުމަތް ރާއްޖޭގައި "އެސްޓަބްލިޝްވެ، ހިނގާކަށް 10 ވަރަކަށް މަސް ދުވަހުގެ އިތުރަކަށް ނުނަގާނެ،" ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.