ސްޕޮޓްލައިޓް: ސައިފްގެ 14 އަހަރު، ދިހަ މިނެޓުން
މުހައްމަދު ސައިފް ޒާހިރު ނުވަތަ އާންމު ނަމުންނަމަ ސައިފް އަކީ މުޅި ރާއްޖެ ދަންނަ ނަމެކެވެ. ފްރީސްޓައިލްގެ ތެރެއިން އާންމުންގެ ތެރެއަށް ސައިފް ނިކުތީ އުމުރުން އެންމެ 18 އަހަރުގަ އެވެ. މީގެ ގާތްގަނޑަކަށް 14 ވަރަކަށް އަހަރު ކުރިން ބޭއްވި ރެޑްބުލް ފްރީސްޓައިލް މުބާރާތުގައި ސައިފްގެ ނަން ވިދައިލީ ޗެމްޕިއަން ޓްރޮފީ އުފުލައިލި ހިސާބުންނެވެ. ޖެހިޖެހިގެން ދެ މުބާރާތް ސައިފް ކާމިޔާބު ކުރި އެވެ.
އޭރު ފްރީސްޓައިލްއަކީ ރާއްޖެއަށް މުޅިން އާ ކުޅިވަރެކެވެ. އެހެންވެ ފްރީސްޓައިލް ކުޅިވަރުގެ އިމޭޖަކަށް ސައިފް ވެގެން ދިޔަ އެވެ. ސައިފްގެ މި ޖާނީ ދިހަ މިނެޓުން ކިޔައިދެވޭތޯ އޭނާ މަސައްކަތް ކުރި އެވެ.
ރާއްޖެ ތަމްސީލުކުރަން ލިބުމުން ފަހުރުވެރިވޭ
ފްރީސްޓައިލް މުބާރާާތެއްގައި ބައިވެރިވެ ގައުމީ ފެންވަރުގެ ވަނައެއް ހޯދުމަކީ ސައިފްއަށް ލިބުނު ބޮޑު ފަހުރެކެވެ. އެހެންނަމަވެސް އޭނާ އެންމެ ފަހުރުވެރިވާ ދެ ކަމެއް އެބަ އޮތެވެ.
"އެއްކަމަކީ އިންޑިވިޖުއަލް ސްޕޯޓެއްގަ ދިވެހިރާއްޖެ ތަމްސީލު ކުރަން ދުނިޔޭގެ ފެންވަރުގަ ވޯލްޑް ފައިނަލްސްއެއްގަ ދެ އަހަރު ވާދަ ކުރެވިފަ އޮތުން"
ސައިފް އެންމެ ފަހުރުވެރިވަނީ ރާއްޖޭގެ ދިދަ ހިފައިގެން، ރާއްޖެއަށް މުޅިން އާ ކުޅިވަރެއްގެ ފައިނަލްސްގައި ބައިވެރިވުމުގެ ޝަރަފު ލިބުމުންނެވެ.
ފްރީސްޓައިލްގެ ދާއިރާއިން ސައިފްއަށް އިތުރު ފަހުރެއްވެސް ލިބުނެވެ. އެއީ މިދާއިރާއަށް ޝައުގުވެރިވެ ނިކުންނަން ބޭނުންވެފައި ތިބި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދެވުމެވެ. މިދިޔަ އަހަރުތަކުގައި ސައިފް ވަނީ އެތައް ޒުވާނުންނަކަށް ފްރީސްޓައިލް ދަސްކޮށްދީ އެކުދިން މިކުޅިވަރަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ތަމްރީނުތައް ދިނުމުގެ އިތުރުން ސައިފްއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެތައް މެސެޖެއްވެސް ލިބެ އެވެ. ވަކި ޓްރިކެއް ހަދާނެ ގޮތް އޮޅުންފިލުވުންފަދަ ކަންކަމަށް ސައިފް އުފަލާއެކު ޖަވާބުވެސް ދެއެވެ. އޭނާގެ އެހީތެރިކަމާއެކު މިދާއިރާއަށް ނިކުތް ކޮންމެ ކުއްޖަކާމެދު ސައިފް ފަހުރުވެރިވެ އެވެ.
ބޮޑުބެރު ހުއްޓައެއްނުލަން
ފްރީސްޓައިލާއެއްގެ ގޮތުގައި ފެނިގެން ދިޔަތާ މާ ދުވަހެއް ނުވެ ސައިފް ފެނުނީ ޓީވީއެމްއިން ބޭއްވި ބޮޑުބެރު ޗެލެންޖް އިންނެވެ. ހަބޭސް ބޮޑުބެރު ގްރޫޕާއިއެކު މި މުބާރާތުން ސައިފް ފެނުނުއިރު އެތައް ބަޔަކަށް ސައިފްގެ އެ ހުނަރުވެސް ފާހަގަވި އެވެ. އޭރު ބޮޑުބެރު ކޮމިއުނިޓީގައި ހާއްސަކޮށް ޒުވާން ސަޕޯޓަރުންގެ މެދުގައި ސައިފްއަކީ ފާހަގަކޮށްލެވޭ ނަމެކެވެ.
ދޭތެރެއަކުން ބޮޑުބެރުގެ ދުނިޔެއިން ސައިފް ގެއްލުނުހެން ހީވި އެވެ. ހަބޭސް ބޮޑުބެރު ގްރޫޕުން ވަކިވެ 1438 ގެ ނަމުގައި އާ ގްރޫޕެއް އުފެއްދި ނަމަވެސް ބެރު ޝޯތަކުންނާ ލަވަތަކުން ސައިފް ފެންނަމަކުން ނުދިޔަ އެވެ. ސައިފް ބުނާ ގޮތުން އެއީ ބްރޭކެކެވެ.
"ބްޑޮބެރުގަ އައިއްސި ބްރޭކްސް. ފްރީސްޓައިލްގަވެސް އައިއްސި ބްރޭކްސް."
އޭނާ ބުނާ ގޮތުގައި އެކި ދުވަސްވަރު އިސްކަން ދެވެނީ އެކި ކަންކަމަށެވެ. އެހެންނަމަވެސް އެއްވެސް މަސައްކަތެއް ކުރުން މުޅިން ހުއްޓައިނުލާކަަމަށް ސައިފް ބުންޏެވެ. އަދި ބޮޑުބެރުން ސައިފް ނުގެއްލޭނެ ކަމަށާއި ކުރިން ފެނުނު ގޮތަށް ފަހަރުގައި ނުފެނިދާނެ ކަަމަށް އޭނާ ގަބޫލު ކުރެ އެވެ.
ވާހަކަ ގިނަ ކުރުމަށްވުރެއް އިސްކުރީ ކަން ކުރަން
ސައިފްއަކީ އެތައް ދާއިރާއަކުން ފާހަގަކޮށްލެވޭ މޫނެކެވެ. އެހެންނަމަވެސް ދުވަހަކުވެސް މިވެނި ކަމެއް ކުރަން އުޅޭކަމަށް ބުނެ މީހުން ކައިރީގައި މާ ގިނަ ވާހަކައެއް ނުދައްކަ އެވެ. ބޭނުންވީ ކަން ކޮށްފައި ދައްކާށެވެ.
ސައިފް ދެކޭ ގޮތުގައި ކަމެއް ކުރަން އުޅޭ ވާހަކަ މީހުން ކައިރީގައި ބުނުމުން އަންނަ ގޮންޖެހުން މާ ބޮޑުވާނެ އެވެ. ސައިފްއަށް މިވެނިކަމެއް ނުވާނެއޭ ބުނުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުލިބުނީ މިހެންވެގެން ކަމަށް ސައިފް ދެކެ އެވެ.
"ރައްޓެއްސެއް ކައިރީގަވެސް އެގޮތަށް ބުނެވިފައެއް ނޯންނާނެ ކަންނޭނގެ. އެކަމުގެ ތެރޭގަ އުޅެމުން ނިކުމެވިފަ މިއިނީ"
އެހެންނަމަވެސް ކަމެއް ކުރަން ފެށުމުން ރަނގަޅު ކުރަންވީ ކަންކަން ބުނެދޭ މީހުން އަބަދުވެސް ތިބެ އެވެ. ސައިފް ދެކޭ ގޮތުގައި އާއިލާ ވިޔަސް ރަހުމަތްތެރިން ވިޔަސް ބިނާކުރަނިވި ފާޑުކިޔުމެއްނަމަ މަރުހަބާ ކިޔަންވާނެ އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މަސައްކަތްތަކެއް ކުރަން ބޭނުން
އެތައް ހުނަރެއް ދައްކަމުން މަސައްކަތަށް ސައިފް ނިކުތް އިރު އޭނާގެ އުމުރުން 18 އަހަރެވެ. އޭގެ 14 ވަރަކަށް އަހަރު ފަހުން މިހާރު ސައިފްގެ ދިރިއުޅުމަށް އައި ބަދަލުތައް އޭނާ ސިފަކޮށްދިނެކެވެ.
"އޭރު ލައިފްގެ ޕްރައޯރިޓީސްއާ މިހާރު ލައިފްގެ ޕްރައޯރިޓީސްއާވެސް ވަރަށް ތަފާތުވާނެ. މިހާރު އުމުރުން 30 ޕްލަސް ވެގެން ދިޔައިރުގަ ލައިފް ދެކޭ ގޮތްވެސް ތަފާތުވާނެ"
ކުޅިވަރުގެ ތެރެއިން ސައިފްއަށް އެކިވަރުގެ އިންޖުރީތައްވެސް ލިބުނެވެ. މިފަހުންވެސް ސައިފްއަށް ބޮޑު އިންޖުރީއަކާއި ކުރިމަތިވި އެވެ. ސޯޝަލް މީޑިއާއަށް އިސްކަން ދޭން ފެށި މައިގަނޑު ސަބަބަކީވެސް މިއީ އެވެ.
"ސައިފް" މި ނަމަކީ ވަރަށް ދުވަހުން އަދި އެހާމެ ގިނަ މަސައްކަތުން މިހާ ހިސާބަށް ގެނެވުނު ނަމެކެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ފޮލޯވަރުން އެތައް ހާހަކަށް އުފުލުމުގައި އޭނާގެ ބުރަ މަސައްކަތް ފެނެ އެވެ. އެހެންކަމުން އޭނާ ބޭނުންވީ ލިބުނު އިންޖުރީއާއިއެކުވެސް ކުރިއަށް ދާށެވެ.
ސޯޝަލް މީޑިއާގައި ފޭން ބޭސްއެއް އޮތުމަކީ މިދާއިރާާގެ މަސައްކަތްތަކުން ކުރިއަށްދާން ލިބުނު ހިތްވަރެކެވެ. އޭނާ މިހާރު ދަނީ އެތައް ބްރޭންޑެއް އިޝްތިހާރު ކުރުމަށް ޕްލެޓްފޯމުތައް ބޭނުން ކުރަމުންނެވެ. އިންސްޓަގްރާމް އަދި ޓިކްޓޮކްފަދަ ޕްލެޓްފޯމުތަކުގައި ކުދި އަދި ބޮޑެތި ވިޔަފާރިތައް އިޝްތިހާރު ކޮށްދިނުމުގައި މަސްއޫލުވާތަން މިހާރު ފެނެ އެވެ.
"ހިތަށް އެރީ މީ ހަމަ ވަރަށް ރަނގަޅު ކަމެކޭ އާމްދަނީއެއް ހޯދަން ބަލާއިރުގަވެސް ދެން އަނެއްހެން މީހުންނަށް ދެވޭ އެންޓަޓެއިންމެންޓެއްގެ ގޮތުގަ ކުރަން ވިޔަސް، އަމިއްލަ މީހާ ގައިގަ ހުރި ހުނަރެއް އެގޮތަށް ރަނގަޅު ގޮތުގަ ޝޯކުރެވެންޏާ.."
ފަސް އަހަރު ފަހުންވެސް ގެއްލޭކަށް ބޭނުމެއް ނޫން
ކުރިއަށް އޮތް އަހަރުތަކަށް ސައިފްގެ އަމާޒު ވަރަށްވެސް ބޮޑެވެ. އޭނާ އާއި ބޮޑުބެރު ގްރޫޕުގެ އިތުރު ދެ ރަހުމަތްތެރިއަކު ވެގެން ވަނީ ކުންފުންޏެއް ރަޖިސްޓްރީ ކޮށްފަ އެވެ. އަމާޒަކީ ހަމައެކަނި ބޮޑުބެރުގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާރަށްވުރެއް ފުޅާކޮށް މަސައްކަތްތަކެއް ކުރުމެވެ.
"ބޮޑުބެރާ އެއްކޮށް، އިވެންޓުތަކާ އެއްޗެހި ނަގާގޮތަށް ތަންކޮޅެއް ބޮޑު ސްކޯޕެއްގަ..."
މާ ބޮޑު ތަފްސީލަކަށް ސައިފް ނުދިޔަ އެވެ. ބޮޑުބެރު ގްރޫޕު ހިންގުމުގައި 14 ވަރަކަށް އަހަރުގެ ތަޖުރިބާ އާއިއެކު ސައިފް މިހާރު ބޭނުންވަނީ ވިޔަފާރިއަށް ނިކުންނާށެވެ. މީގެ ސަބަބުން މިކަމުގެ ތެރޭގައި އުޅޭ ހުރިހާ ކުދިންނަށް އޭގެ ފައިދާ ކުރާާނެކަމަށް އޭނާ ދެކެ އެވެ.
ފްރީސްޓައިލް ކުރުމާއި، ބޮޑުބެރު ނެށުންތެރިއެއްގެ އިތުރުން ޓީވީ ޕްރޮގުރާމް ޕްރެޒެންޓު ކުރުމަކީ ސައިފްގެ މައިގަނޑު ތިން ހުނަރެވެ. މިތިން ކަންތަކުގެ ތެރެއިން އެއް ކަމެއް ނަގަން މަޖުބޫރުނަމަ އޭނާ ނަގާނީ ފްރީސްޓައިލް އެވެ. އޭނާ ބުނާ ގޮތުގައި އެއީ ފެށުމެވެ. ގިނަ ޝަރަފުތައް ލިބުނީ އެ ދާއިރާއިންނެވެ. އަނެއްކޮޅުން ގިނަ ހިދުމަތްތައްވެސް ކުރެވުނީ މި ދާއިރާއިންނެވެ. އެއާއެކުވެސް މަޖުބޫރު ކަމެއް ނެތްނަމަ ބޮޑުބެރުވެސް ދޫކުރަން ސައިފް ބޭނުމެއް ނުވެ އެވެ.