ގަތަރު އެއާވޭސް މެދުވެރިކޮށް ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް ދެނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަތަރު އެއާވޭސްގެ ޖެނެރަލް ސާވިސް އެޖެންޓް އޭސް ޓްރެވަލްސް މޯލްޑިވްސް އާ ދެމެދު ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ސާވިސް އެގްރިމެންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. އޭސް ޓްރެވަލްސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގެވެ.
މި އެއްބަސްވުމުގެ ދަށުން، ގަތަރު އެއާވޭސް މެދުވެރިކޮށް ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ކާގޯގެ ހިދުމަތް އަމަލީކޮށް ފެށި ފަހުން "މިދިޔަ ދެ ތިން މަހުގެ ތެރޭގައި ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް" ކަމަށެވެ.
"މި ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަޅުގަނޑުމެން ކާގޯ ފޮނުވައިފިން. މިއީ ކުރިން ވެސް އެއާލައިންތަކުން ފެށުމަށް އެދެމުން އައި ހިދުމަތެއް އެކަމަކު މިހާތަނަށް ކޮންމެވެސް ސަބަބުތަކަކާހެދި މިކަން ނުވެފައި އޮތީ. މި ސަރުކާރުން އައިސް މި ހިދުމަތް މި ފެށީ،" ވަޖީހް ވިދާޅުވި އެވެ.
"މިއީ އެހެން ގައުމުތަކުގައި ކުރިންސުރެ ކުރަމުން އަންނަ ކަމެއް. ސްރީ ލަންކާއިން ވެސް މި ކަންކުރޭ. އެކަމަކު ރާއްޖެއަށް މި ލިބޭ އެޑްވާންޓޭޖަކީ ރާއްޖެއިން (ވައިގެ މަގުގެ) ކަނެކްޝަންތައް (ހާއްސަކޮށް ޔޫރަޕަށް) ރަނގަޅުވުން،" އިތުރަށް ވިދާޅުވި އެވެ.
ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ އިގުތިސޯދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ހިދުމަތް ފުޅާކުރުމަށް ވެސް ސަރުކާރުން ބާރު އަޅާ ކަމަށެވެ. އަދި ގަތަރު އެއާވޭސް އާއެކު، ސީ-ޓު-އެއާ ކާގޯގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
"މިއީ ޑޮލަރުން އާމްދަނީ ލިބޭ ހިދުމަތެއް. މި ހިދުމަތް ލިބިގެން ފުޅާވެގެންދާ ވަރަކަށް، އާމްދަނީއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ،" ވަޖީހް ވިދާޅުވި އެވެ.
އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު ފިރާގް ވިދާޅުވީ ސީ-ޓު-އެއާ ހިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް ފަހިކޮށް ކަމަށެވެ.
"އަޅުގަނޑުމެން މި ނުކުންނަނީ މި ހިދުމަތަށް ތަޖުރިބާ އާއެކު. ގަތަރު އެއާވޭސްއަކީ މިހާރުވެސް ދުވާލަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާ އެއާލައިނެއް. އަދި ވިންޓާ (ފިނި މޫސުން) ގައި ހަތަރު ފްލައިޓް އެބަ ބާއްވާ. އެހެންވީމަ މި ހިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް ފެހިކޮށް،" ފިރާގް ވިދާޅުވި އެވެ.
މި އަހަރުގެ މާޗު މަހު އެމްޕީއެލުން ތައާރަފުކުރި ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯގެ ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖޭން ފޮނުވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި ހިދުމަތް ފެށީ ޓާކިޝް އެއާލައިންސް އާ ގުޅިގެންނެވެ. ފުރަތަމަ ޝިޕްމަންޓަކީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ. ރާއްޖޭން ޓާކިޝް އެއާލައިންސް މެދުވެރިކޮށް މި ޝިޕްމަންޓް ވައިގެ މަގުން ފޮނުވާލީ ޖަރުމަނަށެވެ.
އޭގެ ފަހުން، ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް މެދުވެރިކޮށް، ބަންގްލަދޭޝްއިން ކަނޑުމަގުން ރާއްޖެ ގެނައި ޖުމްލަ 41 ޓީއީޔޫގެ ގާމެންޓް ވަނީ ރާއްޖޭން ދުނިޔޭގެ އެކި މަންޒިލްތަކަށް އެކްސްޕޯޓްކޮށްފަ އެވެ. އޭގެ ތެރޭގައި އިޓަލީ އާއި ޖަރުމަން އެމެރިކާ އާއި ކެނެޑާ އަދި ތުރުކީ ހިމެނެ އެވެ.
ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފުކުރާ ފަސޭހަ އަދި އަވަސް ހިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެން ދާނެ އެވެ.
މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ގައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުން ކުރެވޭނެ ހިދުމަތެކެވެ. އެގޮތުން ރާއްޖެއަށް މި ހިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ ވައިގެ މަގުން ގިނަ ގައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރު ކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކަށެވެ.