ޚަބަރު ސަރުކާރު

އިމިގްރޭޝަން ވޮޗަށް ރިޕޯޓުކުރި މައްސަލަތަކުގެ އަދަދު 473 އަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިމިގްރޭޝަން ވޮޗްއަށް ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި 473 މައްސަލަ ހުށަހެޅި / ފޮޓޯ:އިމިގްރޭޝަން

އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓު ކުރުމަށް ހާއްސަ ކުރި "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 473 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

Ads by STELCO

މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އިފުތިތާހުކުރި "އިމިގްރޭޝަން ވޮޗް" އަށް ހޯމަ ދުވަހުގެ ނިޔަލަށް 473 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފަ އެވެ. އޭގެ ތެރެއިން 369 މައްސަލައެއް ބަލަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިތުރަށް ބުނީ ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 82 އަށް އަރާ ކަމަށެވެ. އޭގެ އިތުރުން އިދާރާ އާ ގުޅުމެއް ނެތް 22 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންސް މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ އެ އިދާރާއިން ކުރިއަށް ގެންދާ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކަމާ ގުޅުންހުރި އެހެން އިދާރާތަކުގެ ޖޮއިންޓް ޓާސްކް ފޯސް ޓީމެއް އެކުލަވާލެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރެއިޑް ކުރަންދާ ތަންތަން ގަވާއިދުން ބޭރުގައި ހުރެއްޖެ ނަމަ، މިހާރު އެތަނެއް ބަންދު ކުރެވޭ ކަމަށެވެ.

އަދި ސާފުތާހިރުކަން ނެތް ތަނެއް ނަމަ، ދީފައިވާ ހުއްދަ ވެސް ބާތިލު ކުރެވޭ ކަމަށް ވިދާޅުވި އެވެ. ޝައްމާން ފާހަގަކުރެއްވީ މިހާރު ހިންގާ ރެއިޑުގައި ފުރިހަމަ ހައްލެއް ލިބިގެންދާ ކަމަށެވެ.

"އިމިގްރޭޝަން ވޮޗް" އަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންކަން ރިޕޯޓު ކުރުމުގެ ފުރުސަތު އާންމުންނަށް ލިބިދޭ ޕްލެޓް ފޯމެެކެވެ. މި ޕްލެޓްފޯމުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓު ކުރެވެ އެވެ. އަދި ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ވެސް ހިއްސާ ކުރެވެ އެވެ.

އެ ޕްލެޓްފޯމް ބޭނުންކޮށް އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބެ އެވެ. ޕްލެޓްފޯމް މެދުވެރިކޮށް 24 ގަޑިއިރު ރިޕޯޓު ކުރެވެ އެވެ. އޭގެ އިތުރުން ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާއި ފޮޓޯ ވެސް ހުށަހެޅެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!