މެނިފެސްޓޯ ތަންފީޒުކޮށްފި ނަމަ މަސްވެރިކަމުގެ ސިނާއަތް ކުރިއަރާނެ: ބީކޭއެމްޔޫ
މި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކޮށްފި ނަމަ މަސްވެރިކަމުގެ ސިނާއަތް ކުރިއަރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބީކޭއެމްޔޫގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ މެމްބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވާލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާ ގޮތަށް ރައީސް ކަނޑައެޅުއްވުމުން އެކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.
އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އެ ޔޫނިއަނުން ފާހަގަކުރި އެވެ. އެބޭފުޅުން ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރާ މަސައްކަތް ޝުކުރުވެރިކަމާ އެކު ފާހަގަކޮށްފަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އެފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުން ކަމުގަ އެވެ.
މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެ ކަމުގައި ފާހަގަކުރި އެވެ.
އަދި ބީކޭއެމްޔޫ މެމްބަރުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ފުރުސަތު ދެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ މެމްބަރުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި މަސްވެރިކަމުގެ ސިނާއަތަށް ވަންނަ ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފަ އެވެ.
އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި ދޯނިތަކަށް ހޯދަން ޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ހާމަކުރައްވާފައިވެ އެވެ.
މިހާރު މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫތައް އެބޭފުޅުން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން "ފްލޯ ޕްރައިސް" ގެ ދަށުން މަސް ވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި ބޮޑުކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި ހޯދައިދެއްވުމަށާއި އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް އާއި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރާ އަދި އެ މިނިސްޓްރީގެ ކަމާ ގުޅޭ އިސް ބޭފުޅުންނާއި ބީކޭއެމްޔޫގެ މެމްބަރުން ވަނީ ހުރި ކަންބޮޑުވުންތަކަށް ގެނެވެންހުރި ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ މެމްބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.