ޚަބަރު ސިޔާސީ

ޕީޖީގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ގެންނަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ގެންނަން ނިންމާފައިވާ ކަމަށް އެނގިއްޖެ އެވެ.

Ads by Sosun Fihaara

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން މިރޭ 9:00 ޖަހާއިރު ދައުރުން ބޭރުގައި މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. ޕީޖީގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން މަސައްކަތް ކުރުމުން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވައި ވޯޓު ނަގައި ވަނީ ފާސްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީގެ މަގާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަންކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ނިންމާފައި ވަނީ އައްބާސް އެވެ. އެކަމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މަޖިލިހުގެ ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ އެކަން "ދެން އޮންލައިން" އަށް ޔަގީންކޮށްދީފަ އެވެ.

އައްބާސްއަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަން 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކުރައްވާފަ އެވެ. އައްބާސް ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އާއި މައުމޫން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ދެން އޮންލައިން" އަށް ޕީޖީގެ މަގާމަށް ޝައުގުވެރިވެ ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވާފައިވާކަން ޔަގީންކޮށްދެއްވާފަ އެވެ. ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ހާމަނުކުރި ނަމަވެސް އެ ނަންތައް މަޖިލިހަށް ފޮނުވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

އައްބާސްގެ އިތުރުން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު ހިމެނޭ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ. އިތުރު ބޭފުޅުންތަކެއް މަގާމަށް ކުރިމަތިލެއްވި ނަމަވެސް، އެ ބޭފުޅުންގެ ނަންތައް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި މަގާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ބައެއް ބޭފުޅުން ފޯމު ހުށަހެޅުއްވިކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ހުސްވެފައިވާ ޕީޖީގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުވާލި އެވެ. އެ މުއްދަތު ހަމަވެފައި ވަނީ މިއަދު މެންދުރު 12:00 އަށެވެ. ގާނޫނުގައި އޮންނަނީ ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!