ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުންފުނިތައް ހިނގާ ގޮތް ޕީސީބީންނާއި ފިނޭންސް މިނިސްޓަރު ދުވަހުން ދުވަހަށް ބަލަން ޖެހޭ: ނާޒިމް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

ޕީސީބީންނާއި ފިނޭންސް މިނިސްޓަރު, ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިނގާ ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ފޭދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިސްމާއިލް ނިޒާރު ހުށަހަޅާފައިވާ ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކީ ޕަބްލިކް ކުންފުނިތަކުން ކަންތައްތައް ކުރަންވީ ގޮތުގެ އިޖުރާތްތަކާ ބެހޭ މައްސަލައެއް ކަމަށެވެ.

ދައުލަތުގެ ބައެއް ކުންފުނިތަކަކީ ރައްޔިތުން ހިއްސާވާ ގޮތަށް އުފެދިފައި ހުރި ޕަބްލިކް ކުންފުނިތަކެއް ކަމަށެވެ. އެފަދަ ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ އާއި ބީއެމްއެލް އަދި އެމްޓީސީސީ ފަދަ ކުންފުނިތައް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ބިލަކީ ބީއެމްއެލްގައި މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރުމަށް އީޖީއެމްއަކަށް ގޮވާލެވިފައި ވަނިކޮށް، އެ ކުންފުނީގެ ސީއީއޯ ވަނީ އިސްތިއުފާ ދެއްވާފައި. އެހެންކަމަށް ވުމާ އެއްކޮށް ވަރަށް އަވަަހަށް އިތުރު އީޖީއެމްއެއް ބާއްވަން އެބަ ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

އިތުރު އޭޖީއެމްއެއް ބާއްވަން ޖެހެނީ ސީއީއޯ އެއް ނުވަތަ އެމްޑީ އެއް އައްޔަންކުރުމަށް ކަމަށެވެ. އެހެންކަމުން އީޖީއެމްތައް ބާއްވަން މިހާރު އޮންނަ އިޖުރާއަތުތަކަށް ބަދަލު ގެންނަން ޖެހޭކަން ނާޒިމް ފާހަގަކުރެއްވި އެވެ.

"އީޖީއެމްތައް ބާއްވަން އޮންނަ މުއްދަތުތައް ކުރުކުރަން. 14 ދުވަހުގެ މުއްދަތް މިހާރު އޮތީމާ 21 ދުވަސް ދީފައި މި ބާއްވަނީ ޖަލްސާ. އެހެންވީމާ މި އިސްލާހު މިގޮތަށް ގެނެވުނީމާ މިހާރު 21 ސެޕްޓެމްބަރުގައި ބާއްވަން ހަމަޖެހިފައި އޮތް އީޖީއެމް ބޭއްވި ކަމުގައި ވީނަމަވެސް ހަމަ އެއާ ވިދިގެން އެއަށް ވުރެ ދުރު ނޫން މުސްތަގުބަލެއްގައި އިތުރު އޭޖީއެމްއެއް ބޭއްވުމަށް ފަހިވެގެން ދާނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކްރެޑިޓް ކާޑުގެ މައްސަލަ ދިމާވިއިރު، ބީއެމްއެލްގެ އެންމެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖޭގައި ނެތް ކަމުގަ އެވެ. އޭގެ ތެރޭގައި އޮޕަރޭޝަން ޑިރެކްޓަރާއި ކްރެޑިޓް ކޮންޓްރޯލް މެނޭޖަރާ އަދި ރިސްކް މެނޭޖަރު ހިމެނޭ ކަމުގަ އެވެ. އެ ބޭފުޅުންނަކީ 15،000 ޑޮލަރުގެ މުސާރައެއްގައި ތިއްބެވި އެންމެ ޒިންމާދާރު ތިން ބޭފުޅުން ކަމުގަ އެވެ.

"ޕީސީބީން ވެސް އަދި ފިނޭންސް މިނިސްޓަރު ވެސް ދައުލަތުގެ ހިއްސާތަކުގެ ބެލެނިވެރި ފަރާތް ކަމަށް ވާތީ ކުންފުނިތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިނގާ ގޮތް ވަރަށް ރަނގަޅަށް ބައްލަވަން އެބަ ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

އެފަދަ ބޮޑެތި މުސާރަތައް ލިބޭ މަގާމުތަކަށް ދިވެހިން ލެވޭތޯ ބަލަން ޖެހޭ ކަމުގަ އެވެ. އެއްވެސް ކޮންޓްރޯލެއް ނެތި ބޭންކު އެގޮތަށް ހިނގާ ކަމަށްވާ ނަމަ، މިފަހުން ދިމާވި ކަންތަކަށް ވުރެ ސީރިއަސް ކަންތައް ކުރިއަށް އޮތް ތަނުގައި ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމުގަ އެވެ.

"ކުންފުނީގެ ބޯޑަށް އައްޔަންކުރެވިފައިވާ މެމްބަރުން ރަށުގައި ވަޑައިގެން ނޫޅުއްވާތީ ނޫނިއްޔާމުން އެ ބޭފުޅުން ބޯޑަށް ހާޒިރުނުވެ، ބޯޑުގެ ޖަލްސާތައް ނުބޭއްވިގެންދާ ހާލަތެއްގައި ނޯޓިސްގެ މުއްދަތް ކުރުކޮށްފައި މިގޮތަށް ގާނޫނު ފަހިކޮށްދިނީމާ ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ބޭންކެކޭ އެއްފަދައިން އެސްޓީއޯގެ ދަށަށް ފެނަކަ ގެންނަން ނިންމާފައިވާއިރު، އެ ކުންފުނިން ވެސް އިތުރު އީޖީއެމްއެއް ބާއްވަން ޖެހޭ ކަމަށެވެ. އެސްޓީއޯއިން އެފަދަ ޖަލްސާއެއް ބާއްވަން ޖެހެނީ އެ ކުންފުންޏަކީ ވެސް އާންމު ހިއްސާދާރުންގެ ބައިވެރިވުން ހިމެނޭ ކުންފުންޏަކަށް ވާތީ އެވެ. ޖަލްސާ ބޭއްވުމަށް ކުންފުނީގެ ބޯޑުން ފާސްކުރަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ފެނަކަ، އެސްޓީއޯގެ ދަށަށް ގެންދިއުމަކީ ވަރަށް ހަރުދަނާ ބަދަލެއްކަން ސިފަކުރައްވާ ވިދާޅުވި ގޮތުގައި އެސްޓީއޯއަކީ ފެނަކައިގެ އެންމެ ބޮޑު ކްރެޑިޓާ ކަމުގަ އެވެ. ފެނަކައިން އެސްޓީއޯއަށް ދައްކަން އޮތް ފައިސާ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކާފައި ނުވާ ކަމުގަ އެވެ. އެ ކުންފުނިން އެސްޓީއޯއަށް 2.2 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވާކަން ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ވާހަކައިގައި ވަނީ ދައުލަތުގެ ހިއްސާވާ ކުންފުނިތައް ހަރުދަނާ ގޮތެއްގައި ހިންގޭނެ ގޮތްތަކެއް ހޯދަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!