އެމެރިކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި
އެމެރިކާގެ ނިއުޔޯކްއާ އަދި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ބައްދަލުކުރައްވައި، ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސް އެ ޔަގީންކަން ދެއްވީ އެމެރިކާގެ ނިއުޔޯކްއާ އަދި ކައިރި ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަން ގައި ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިހާރު ކުރައްވަމުންދާ ދަތުރުގަ އެވެ.
ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވަކިވަކި މީހުންނަށް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެެވެ. އަދި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި އެފަރާތްތައް ބޭނުންވާ ކަންކަން ބައްލަވާފަ އެވެ.
އޭގެ އިތުރުން ރައީސް ވަނީ އެމެރިކާގައި ދިރިއުޅޭ ދިވެހީން ފާހަގަކުރެއްވި ގޮންޖެހުންތައް ސަރުކާރުގެ ފަރާތުން ކޮށްދޭން މަސައްކަތްކުރާނެ ކަމުގެ ޔަގީން ކަން ދެއްވާފަ އެވެ.
އަދި ރައްޔިތުންނާ ވީހާވެސްް ގާތުން ރައްޔިތުންގެ އަޑު އައްސަވައިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަަވާލާނެ ކަމަށްވެސް ރައީސް ވަނީ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
ރައީސް ވަނީ އެ ބައްދަލުވުމުގެ ކުރިން އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފަ އެވެ.