މަރަދޫ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

އައްޑޫ ސިޓީ މަރަދޫގެ ގެއެއްގައި ފަތިހު އަލިފާން ރޯވެ ބޮޑެތި ގެއްލުން ތަކެއްވެއްޖެ އެވެ.
މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އަލިފާން ރޯވީ އެތުމާގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނުގައި ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ މި އަލިފާންގަނޑު ރޯވި ކަމަށް ރިޕޯޓް ކޮށްފައިވަނީ ފަތިހު 05:46 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔާ ސްޓޭޝަނަށް ރިޕޯޓް ކުރުމާއެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާން ނިއްވާލެވުނީ މިއަދު 06:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ފޮޓޯ ތަކުން ފެންނަނީ ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު އެވެ.