ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ އިން ފ އަށް ވައިޓް އެލާޓް ނެރެފި
ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ކަމަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓުން ބުންޏެވެ.
އެ އެލާޓް ނެރިފައިވަނީ މިއަދުގެ މެންދުރުފަހު 13:15 އިން 19:00އާ ހަމައަށެވެ.
މެޓް އޮފީހުން ވަނީ ރޭ ދަންވަރުގައި ރ. އަތޮޅުން ފެށިގެން މ. އަތޮޅަށްވެސް ވައިޓް އެލާޓް ނެރެފަ އެވެ. އަދި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ވައިޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.
އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ދަންވަރު 00:45 އިން ހެނދުނު 06:45 އަށެވެ.
މި ހަފްތާގައި މާލޭ ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހި ކަނޑުތައް ގަދަ އެވެ.