ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރު އަދި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ރައީސް، އެބޭފުޅުންނާއި ބައްދަލުކުރެއްވީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ސިންގަޕޫރުގެ ވަފުދުގެ އިސްވެރިޔާ އަދި ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބާލާކްރިޝްނާންއާ ވަނީ ބައްދަލުކުރައްވާފަ އެވެ.
އަދި އޮސްޓްރޭލިއާގެ ވަފުދުގެ އިސްވެރިޔާ އަދި ފޮރިން މިނިސްޓަރު ޕެނީ ވޮންގާ ވަނީ ބައްދަލުކުރައްވާފަ އެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓަރާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއިން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށާއި، ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
އަދި އާންމު ބޯހިޔާވަހިކަމުގައި ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ރަސްމާލެއަކީ ޑިޖިޓަލް، ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ރާވާފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ރައީސް ވަނީ ސިންގަޕޫރުގެ ފޮރިން މިނިސްޓަރާ ހިއްސާ ކުރައްވާފަ އެވެ.
އޭގެ އިތުރުން ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަކުރުމަކީ ގައުމުގެ އާބާދީގެ 50 އިންސައްތަ ހިއްސާކުރާ ޒުވާނުންނަށް ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން ޕޭޕާލް ފަދަ އެކިއެކި ޕްލެޓްފޯމްތަކުގެ ބޭނުން ހިފާނެ ފުރުސަތު ދިވެހި ޒުވާނުންނަށް ލިބުމަކީ ޒުވާން ވިޔަފާރިވެރިންނަށް ބޭރު ދުނިޔޭގެ މާކެޓްތަކަށް ވަނުމަށާއި އެ ޒުވާނުންގެ އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެ ކަމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމަށް މުހިންމު ކަންކަމުގައި، ހާއްސަކޮށް އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އެއޯސިސް) އާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުމުގެ މަޝްވަރާތަކެއް ކޮށްފަ އެވެ.
އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެ ގައުމުގެ ފަރާތުންވެސް ދީފައިވެ އެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފައިވެ އެވެ.
އެ މަޝްވަރާތަކުގެ ތެރޭގައި އިންޑިޔާކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން ހިމެނެ އެވެ.
އަދި ދެގައުމުގެ ކަންބޮޑުވުންތައް ހައްލުކުރުމާއި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވަނީ ބައްދަލުވުމުގައި ވާހަކަ ދެކެވިފަ އެވެ.އެ ކަމުގެ ޔަގީންކަން ދެ ގައުމުގެ ފަރާތުންވެސް ދީފައިވެ އެވެ.
ރައީސް ވަނީ އޮސްޓްރޭލިއާ ސަރުކާރުން ފަހިކޮށްދެއްވާ ސްކޮލާޝިޕްގެ ފުރުސަތުތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.