ޚަބަރު ސަރުކާރު

ހެލްތު ރިކޯޑު އެއް ތަނަކުން ފެންނަން ހުންނާނެހެން "ނޭޝަނަލް ހެލްތު އެކްސްޗޭންޖް" ގާއިމުކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު ހަލީލު: ހެލްތު ރިކޯޑު އެއް ތަނަކުން ފެންނަން ހުންނާނެހެން ނޭޝަނަލް ހެލްތު އެކްސްޗޭންޖް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި / ފޮޓޯ:ހެލްތު މިނިސްޓްރީ

ރައްޔިތުންގެ ހެލްތު ރިކޯޑު އެއް ތަނަކުން ފެންނަން ހުންނާނެހެން "ނޭޝަނަލް ހެލްތު އެކްސްޗޭންޖް" އުފެއްދުމުގެ މަސައްކަތްތައް ބޭރުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަމާ އެކު ކުރަމުންގެންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގައި ދެއްވި ތަގުރީރުގައި ފާހަގަކުރެއްވި "ޑިޖިޓަލް އިކޮނޮމީ" އާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ އެކަމަށް ދިވެހިރާއްޖެއިން ދާއިރު، ވަރަށް "ހޯލިސްޓިކް" ކަންތައްތަކެއް ކުރެވެން ޖެހޭ ކަމަށެވެ. މިސާލެއްގެ ގޮތުން ނެންގެވީ ސިއްހީ ދާއިރާގައި ކުރެވޭ ކަންކަމެވެ.

ސިއްހީ ނިޒާމުގެ ތެރޭގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި ހިމެނޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ފެންނަން ނުހުންނަ ކަމަށެވެ. އެހެންވެ މައުލޫމާތު އެއް ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހާއްސަކޮށް އާންމު ސިއްހަތު ދެނެގަތުމުގަޔާއި ސަރުކާރެއްގެ ހައިސިއްޔަތުން ރާއްޖޭގެ މުޅި ރައްޔިތުންގެ ހެލްތު ރިކޯޑު ބެލެހެއްޓުމުގައްޔާއި މިކަހަލަ ވަރަށް ގިނަ ކަންތައްތަކަށް އުދަނގޫތަކެއް ކުރިމަތިވެގެން އެބަދޭ،" ހަލީލު ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެ މައުލޫމާތުތައް އެއް ތަނަކުން ފެންނަން ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު އެކި ފަހަރުމަތިން ޓެސްޓުތަކާއި ސްކޭންތައް ހަދަން ޖެހުން ކަމަށާއި، އެކަންކަމުން ބަލިމީހާގެ ވަގުތުތައް ގެއްލޭ ކަމަށާއި ދައުލަތުގެ ހަރަދުތައް ވެސް ބޮޑުވާ ކަމަށެވެ. ހަލީލް ފާހަގަކުރެއްވި ގޮތުގައި ޕްރައިވެޓް ސެކްޓާ ނުވަތަ ޕަބްލިކް ސެކްޓާގައި ހިމެނޭ ތަނަކުން އެކްސްރޭއެއް ނަގައިފި ނަމަ، އެ ހުރިހާ ތަނަކުން "ވަކި ކޯޑެއް ޖަހައިގެން އެކްސެސް ވެވޭ ގޮތަށް" ހުރުން މުހިންމު ކަމަށެވެ.

"ހެލްތު ސެކްޓާއިން އަޅުގަނޑުމެން މިހާރު އިސްނަގައިގެން މިކުރާ އެންމެ މުހިންމު ކަމަކީ ރައީސްގެ އިރުޝާދާ އެއްކޮށް، ޑިޖިޓަލް ހެލްތު ބެކްބޯނެއް އުފެއްދުމުގެ މަސައްކަތްތައް،" ހަލީލު ވިދާޅުވި އެވެ.

އެކަމުގެ ނަތީޖާއަކަށް ވާނީ ހުރިހާ ހެލްތު ފެސިލިޓީތަކެއްގެ ގުޅިގެން ދިއުން ކަމަށެވެ. "ނޭޝަނަލް ހެލްތު އެކްސްޗޭންޖް" އުފެއްދުމުގެ މަސައްކަތްތައް ބޭރުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަމާ އެކު ކުރަމުން ގެންދާ ކަމަށެވެ. މަސައްކަތް ފުރިހަމަ ވެގެންދާއިރު ކޮންމެ ރައްޔިތެއްގެ ހެލްތު ރިކޯޑު އެ މީހަކަށާއި ކަމާ ގުޅުންހުރި ފަރާތްތަކަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޑިޖިޓަލް އިކޮނޮމީއަކަށް ދިއުމާ ގުޅޭގޮތުން ރައީސް ވިދާޅުވާ ވާހަކަފުޅަކީ ކޮންމެ ދާއިރާއަކުން ވެސް އެފަދަ މަސައްކަތްތައް ކުރެވުމުން ދައުލަތަށް ހަރަދު ކުޑަކުރެވި ހިދުމަތްތައް އަވަސްވުން ކަމުގަ އެވެ. އެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ތިބިއިރު، އެ ޒުވާނުންނަށް ފުރުސަތު ދެވޭނެ މާހައުލެއް ގާއިމު ކުރުމަކީ އެމަނިކުފާނުގެ ތަސައްވުރެއް ކަމުގަ އެވެ. މި ތަސައްވުރާ އެކު ތަފާތު ރާއްޖެއެއް ފެންނާނެ ކަމުގައި ހަލީލު ފާހަގަކުރެއްވި އެވެ.

Ads by HDC